ހުޅުމާލޭ ފްލެޓުތަކުގެ ކޮމަން އޭރިއާ ބޭނުން ކުރާ ގޮތް ބެލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެޗްޑީސީއިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެއަކީ މީހުން ދިރިއުޅުމަށް ހިތްފަސޭހަ އަދި އިގްތިސޯދީ އެކި މަސައްކަތް ކުރުމަށް އެކަށޭނަ މާހައުލެއް ގާއިމް ކުރުމަށް ޕްލޭން ކޮށްފައިވާ ރަށެއް ކަމަށެވެ.

އެޗްޑީސީ އިން މަސައްކަތް ކުރަނީ އެފަދަ މާހައުލެއް ގާއިމް ކުރުމަށް ކަމަށާއި އެ ގޮތުން ހުޅުމާލޭގައި ދޫކޮށްފައި ވާ ފްލެޓުތަކުގައި ދިރި އުޅޭ ފަރާތްތަކުން ފްލެޓުތަކުގެ ކޮމަން އޭރިއާ ގަވައިދާ ހިލާފަށް ބޭނުން ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް އެ އިއުލާނުގައި ބުނެއެވެ.

ޝަކުވާތަކާ ގުޅިގެން ކޮމަން އޭރިއާ ބޭނުން ކުރާ ގޮތުގެ ސާވޭއެއް ކުރަން ނިންމާފައި ވާ ކަމަށާއި އެ ސާވޭ މި މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެ ސާވޭގައި ކޮމަން އޭރިއާގައި އިމާރާތް ކޮށްފައި ހުރޭތޯ ބަލާނެ ކަމަށާއި އެއްމެދު އިމާރާތަށް ގެއްލުންވާނެ ހެން ގަސް އިންދާފައި ހުރޭތޯ ބަލާނެ ކަމަށް އިއުލާނުގައި ބުނެއެވެ.

މީގެ އިތުރުން ކޮމަން އޭރިއާ ހިޔާ ކޮށްފައި ހުރޭތޯއާއި ވިޔަފާރި ބޭނުމަށް ކޮމަން އޭރިއާ ބޭނުން ކުރޭތޯ ބަލާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އެޗްޑީސީއިން ބުނީ އެޗްޑީސީއިން ގަބޫލު ނުކުރާ ފަދަ ބަދަލެއް އިމާރާތަށް ގެނެސްފައި ހުރޭތޯ އަދި ބެލްކަނީގެ ރެއިލިންއިން ދޮރު ކަނޑާފައި ހުރޭތޯ ވެސް ބަލާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.