މަރާލުމަށް ފަހު ކޯސްޓް ކިރު ހުސްކުރި މެދު ސައިޒުގެ ދަޅަކަށްލައި ވިލި މާލެ ވަލުތެރެ އަށް އެއްލާލާފައި އޮއްވައި ފެނުނު ތުއްތުކުއްޖާގެ މަންމަ ނ. މަނަދޫ ފިނޮޅު އާމިނަތު ޝާއިރާ ޒިނޭކޮށްފައިވާތީ އެއް އަހަރު ދުވަށް ގޭބަންދު ކުރުމަށް ހުކުމްކޮށް އޭނާގެ ގައިގައި ހައްދު ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި ހަމަ އެ ދުވަހު ޖަސްޓިސް ބިލްޑިންގެ ބޭރަށް ނެރެ އޭނާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖަހާފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ވަނީ ކުރިން އޭނާ ރައްޓެހިވެގެން އުޅު މީހާއާ އެކު ރިސޯޓެއްގައި ޒިނޭކޮށްފައިވާތީ އެއް އަހަރު ދުވަހަށް ގޭބަންދުކުރުމަށް ހުކުމް ކުރީކަމަށެވެ. އެއް އަހަރު ދުވަހުގެ ގޭބަންދަށް ހުކުމްކޮށްފައި ވަނީ ޒިނޭކުރިކަން ޝަރީއަތަށް ސާބިތުވި ފުރަތަމަ ފަހަރަށްވާތީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ޝާއިރާގެ ދަރިފުޅު ކޯސްޓްދަޅަށް ލައި އެއްލާލި މައްސަލަ އާއި ދަރިފުޅު މަރާލި މައްސަލައިގައި މިމަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފަ އެވެ.
އަދި ޝާއިރާ ވިއްސުމުގައި ބައިވެރިވެ، ތުއްތު ކުއްޖާ ކޯސްޓް ދަޅަކަށް ލައިއެއްލާލި ކ. ގުރައިދޫ ހީނާމާގޭ، މަރިޔަމް ރިޒްނާ ހަ މަހަށް ޖަލަށް ލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޝާއިރާ ވިއްސުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ކ. ހުރާ ސަކީނާމަންޒިލް، ފާތުމަތު އާނިޔާގެގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެފަ އެވެ.