13 Jun 2010, 14:18
19:00
ކިޔަވާ ކުދިން މިހާރު ވެސް ތިބީ އިސްލާމާއި ދިވެއްސާ މެދު ފޫހިވެފައި ކަމަށާއި މުސްތަޤްބަލްގައި އެ ދެ މާއްދާ އަކީ އިހްތިޔާރީ ދެ މާއްދާގެ ގޮތުގައި ހަދައިފިނަމަ އަޅުގަނޑުމެންގެ ބަހާއި ދީން ގެއްލިގެން ހިނގައިދާނެ ކަމަށް ދިވެހި ބަހުގެ އުސްތާޒެއް ކަމަށްވާ އަބްދުﷲ ސާދިޤް ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުﷲ ޞާދިޤް މިއަދު ވިދާޅުވީ ގްރޭޑް ދިހައެއް ނިންމާ ގިނަ ކުދިންނަކީ މިހާރު ވެސް ކިރިޔަކިރިއާ އެ މާއްދާތަކުން ފާސްވާ ކުދިން ކަމަށެވެ. އަދި ދެ މާއްދާ އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަނުން ވިސްނަމުންދާކަން އެ ކުދިންނަށް އެނގުމުން ވެސް އެ ކުދިންނަށް ލިބުނު އުފާވެރިކަމުން ދޭހަކޮށްދެނީ އެ ދެ މާއްދާ އަކީ މަޖުބޫރު ނޫން ދެ މާއްދާގެ ގޮތުގައި އޮވެއްޖެނަމަ މުސްތަޤްބަލްގައި އެ ކުދިން އެ ދެ މާއްދާ އަށް އެއްވެސް ސަމާލުކަމެއް ނުދޭނެކަން ކަމަށް ވެސް ޞާދިޤް ވިދާޅުވި އެވެ.
ދިވެހި ބަސް ކިޔަވައިދެއްވުމުގައި އެންމެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް ދިވެހި ބަސް އުނގަނައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޞާދިޤް އިތުރަށް ވިދާޅުވީ ދިވެހި ޤައުމުގެ އެންމެ ބޮޑު ދެ ތަނބަކީ އިސްލާމާއި ދިވެހި ކަމަށްވާއިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ ހައްތަހާ ވެސް ލިބޭނީ ގެއްލުން ކަމަށެވެ.
ދިވެއްސާއި އިސްލާމް މި ދެމާއްދާ އަށް ކުދިންދޭ ޝައުޤުވެރިކަން ކުޑަވަމުންދަނީ އެ މާއްދާތައް ކިޔަވައިދޭ ބައެއް ޓީޗަރުންގެ ގޮތުން ކަމަށާއި ދިވެއްސާއި އިސްލާމް ކިޔަވައިދޭން އެކަށީގެންވާ ރަނގަޅު ޓީޗަރުން ތަމްރީން ކުރެވިފައިނުވާ ކަމަށެވެ.