ޓްރިޕޮލީ (ޖުލައި 3) : ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީއަށް ދިން ވައިގެ ހަމަލާތަކެއްގައި 40 މީހުން މަރުވެ 80 މީހުން ޒަޚަމްވެއްޖެއެވެ.

ޓްރިޕޮލީގައި ވެރިކަންކުރާ ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ ހަފްތަރުގެ ބާރުތަކުގެ ފައިޓާޖެޓަކުން ދިން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޓްރިޕޮލީގެ އަވަށެއް ކަމަށް ވާ ތާޖޫރާގައި ހުންނަ، ހިޖްރަ ކުރާ މީހުންގެ މަރުކަޒަކަށް ކަމަށާއި، އެ ހަމަލާތަކުގައި މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ބޭރު މީހުން ކަމުގައެވެ.

ޓްރިޕޮލީގެ އިރުމަތީގައި އޮންނަ ރަށްފުށުގެ އަވަށެއް ކަމަށްވާ ތާޖޫރާ އަވަށަކީ ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ އަސްކަރީ މަރުކަޒުތަކެއް ވެސް ހުންނަ ސަރަހައްދެކެވެ. ހަފްތަރުގެ ބާރުތަކުން އިއްޔެ ވަނީ ޓްރިޕޮލީގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީފައެވެ. ލީބިޔާއަކީ މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖްރަ ކުރަން މަސައްކަތް ކުރާ ރެފިއުޖީން އެމީހުންގެ ޣައިރު ގާނޫނީ ދަތުރުތައް ފެށުމަށް ބޭނުން ކުރާ މަންޒިލެކެވެ. މިކަން ހުއްޓުވުމަށް ޓަކައި ޔޫރަޕްގެ އިއްތިޙާދުގެ އެހީތެރިކަމާ އެކު ހަރަކާތްތެރި ވާ ލީބިޔާގެ ކޯސްޓްގާޑުގެ ސިފައިން އެފަދަ މީހުންގެ ދަތުރުތަކަށް ހުރަސް އަޅައި އޭގެ ތެރެއިން ގިނަ ބަޔަކު ލީބިޔާގައި ހައްޔަރު ކޮށްފައި ބައިތިއްބައެވެ. ތާޖޫރާގައި ހުރި މަރުކަޒަކީ މިފަދަ ރެފިއުޖީންގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށް ބައިތިއްބާ މަރުކަޒެކެވެ.

ޓްރިޕޮލީ އަތްދަށު ލުމަށް ހަނގުރާމަ ކުރަމުން ގެންދާ ޖެނެރަލް ހަފްތަރުގެ ބާރުތަކުގެ ކޮމާންޑަރެއް ކަމަށް ވާ ކާނަލް މުހައްމަދު މަންފޫރު އިއްޔެ ވަނީ ޓްރިޕޮލީ ހިފުމަށް ހިންގާ އަސްކަރީ އޮޕަރޭޝަން ކުރިޔަށް ގެންދާނެ ކަމަށާއި މި އޮޕަރޭޝަނުގެ ދަށުން އެ ސިޓީގައި ވާ އަސްކަރީ އަމާޒުތަކަށް ވައިގެ ހަމަލާތައް ދޭނެކަމުގެ އިންޒާރު ދީފައެވެ. އަސްކަރީ ތަންތަން ކަމަށް ބެލެވޭ ހުރިހާ ތަނާ ދުރަށް ދިޔުމަށް އާންމުންގެ ކިބައިން އެދޭ ކަމަށް ވެސް ޖެނެރަލް ހަފްތަރުގެ ބާރުތަކުގެ ކޮމާންޑަރެއް ކަމަށް ވާ ކާނަލް މަންފޫރު ސޮއި ކޮށް ނެރުނު ބަޔާނެއް ބުނެއެވެ.

ޓްރިޕޮލީ އަތްދަށު ލުމަށް ޖެނެރަލް ހަފްތަރުގެ ބާރުތަކުން މިދިޔަ މާޗް މަހު ފެށި ހަނގުރާމައަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެފައި ވާ އިރު ޓްރިޕޮލީގައި ވެރިކަން ކުރާ ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ސިފައިންވަނީ ހަފްތަރުގެ ބާރުތައް ބަލިކޮށް ޣިރްޔާން ސިޓީގައި ވާ ހަފްތަރުގެ ބާރުތަކުގެ އަސްކަރީ މައިމަރުކަޒު ވެސް ހިފައި އެ ތަނުން ވެސް އެ މީހުން ފައްސާލާފައެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުން ވަނީ ހަފްތަރުގެ ބާރުތަކަށް އަސްކަރީ ގޮތުން އެހީތެރި ވާ ކަމުގެ ތުހުމަތު ޔޫއޭއީ، މިސްރު އަދި ސައޫދީ އަރަބިޔާގެ މައްޗަށް ކޮށްފައެވެ. (އަލްޖަޒީރާ)