މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވެޔޭ..."އަށް ތައްޔާރުކުރާ ވެބް ސީރީޒް "އެހެނަސް" ނެރުމަށް ތައްޔާރުވަމުން އަންނަ އިރު އެ ސީރީޒް އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފި އެވެ.

"އެހެނަސް އަންވެއިލްޑް"ގެ ނަމުގައި "އެހެނަސް" ވެބްސީރީޒްގެ ފޭސްބްކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ ވީޑިއޯގައި ވަނީ ހުރިހާ ކާސްޓުން މި ސީރީޒް އާ މެދު ދެކޭ ގޮތް ހާމަކޮށްފަ އެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް،" އައިކިއު ބުންޏެވެ.

ލިޔުންތެރިޔާ އައިކިއު ބުނީ އެ ވާހަކަ އެންމެ ފުރަތަމަ ލިޔަން ފެށުނީ 2009 ވަނަ އަހަރު ކަމަށާއި އެ ވާހަކަ އެންމެ ފުރަތަމަ ލިޔަން ފެށިއިރު ބިރުގަތް ކަމަށެވެ. ގިނަ މީހުންނަށް އެ ކޮންސެޕްޓް ވެގެންދިޔައީ "ފަކުރު" ވާހަކައަކަށް ކަމަށް އޭނާ ބުންޏެވެ.

"ތިން އެޕިސޯޑު ހަތަރު އެޕިސޯޑު ލިޔުނުއިރު ލިބުނު ސަޕޯޓާއި މެސެޖުތަކުގެ ސަބަބުން އަސްލު ހިތްވަރެއް ލިބުނީ ކުރިއަށްދާން،"

ވާހަކަ ރިލީޒްކުރުމަށް ފަހު ގިނަ ބައެއްގެ ގާތަށް އެ ވާހަކަ ފިލްމަކަށް ހަދަން ދިޔަ ކަމަށާއި ނަމަވެސް އެކަން ވާގޮތް ނުވި ކަމަށްވެސް އައިކިއު ބުންޏެވެ.

އައިކިއު ބުނީ މި ވާހަކަ ސީރީޒް އަކަށް ހަދަން ނިންމީ ޒުވާން އުމުރުގައި ހޭލުންތެރިކުރުވުމުގެ ބޭނުމުގައި ކަމަށެވެ.

"މި ސީރީޒް އަކީ ބުލީ އާ ދެކޮޅަށް ތައްޔާރުކުރާ އެއްޗެއް،"

"އެބިއުސް ކޮށްގެން އެކަން ޕްރޫވްވެ ހުކުމްކޮށްފައި ދޫކޮށްލާފައި ތިބި ވަރަށް ގިނަ މީހުންނަށް އެބަ ހުރި ރާއްޖޭގައި ވަރަށް ގިނައިން ވަޒީފާ ދީފައި. މި މީހުން އެކްސެޕްޓް ކުރާއިރު ކީއްވެ ވިކްޓިމް ގަބޫލުނުކުރެވެނޭ؟ މިއީ އަސްލު މީގައި އެންމެ ބޮޑަށް ދައްކުވައިދީފައި އިން އެއްޗަކީ،" ޑައިރެކްޓަރު ރަވީ ފާރޫގު ބުންޏެވެ.

ރަވީ ބުނީ ރާއްޖޭގެ އިތުރުން ދުނިޔޭގައިވެސް ޖަޖްކުރުން ވަރަށް އާންމުކަމަށެވެ.

"އެހެނަސް އަންވެއިލްޑް"ގައި ވަނީ ސީރީޒްގެ ކާސްޓުންނަށް ދިރިއުޅުމުގައި ދިމާވެފައިވާ ބައެއް ހިތްދަތި ހާދިސާތައް ހިއްސާކޮށްފައެވެ.

ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތަށް ތައްޔާރުކޮށްފައިވާ އެ ސީރީޒްގެ ލީޑް ތަރިއަކީ ވިޝާލް (ނިޔާޒް)އެވެ.

އެ ވެބް ސީރީޒްގައި ބައެއް ޓްވިސްޓައް ހިމެނުނު ނަމަވެސް ވާހަކައިގެ އަސްލު ނުގެއްލޭނޭ ކަމަށް ވާހަކަ ލިޔުންތެރިޔާ އައިކިއު ބުންޏެވެ.

އެހެނަސް އަކީ ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ ސީރީޒްއެކެވެ. އެ ސީރީޒް ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަންއިންނެވެ.

ހުރިހާ ކާސްޓުންވެސް އެ ސީރީޒް އަށް ކުރާ އުންމީދު ބޮޑެވެ. އެ ކިޔައިދެނީ މުޖުތަމައުގައި މަދުން ނަމަވެސް ހިނގާ ކަންތައްތަކެއްގެ ވާހަކައެވެ.