ހިތްދަތި ގޮތަކަށް އިނގިރޭސި ވިލާތް ބަލިކޮށް އަންހެން ވޯލްޑް ކަޕުގެ ފައިނަލަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ދަތުރު ކޮށްފި އެވެ.

ޖެހި ޖެހިގެން ދެވަނަ ފަހަރަަކަށް ތަށި ދިފާއު ކުރުމަށް އެމެރިކާއިން މިއަހަރުގެ މުބާރާތައް ނުކުތް އިރު މިރޭ ކުޅުނު ސެމީ ފައިނަލުގައި އިނގިރޭސި ވިލާތް އެ ޓީމުން ބަލިކުރީ 1-2 ގެ ނަތީޖާ އަކުންނެވެ. ޔޫއެސްއޭގެ ކެޕްޓަން މެގަން ރެޕިނޯ ނުލައި ކުޅުނު އެ މެޗުން އެމެރިކާ މޮޅުވި ނަމަވެސް އެ ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

މިރޭ ކުޅުނު ފޯރި ގަދަ ސެމީ ފައިނަލުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ޔޫއެސްއޭއިންނެވެ. މެޗުގެ ކުރީ ކޮޅު ކުރިސްޓިއަން ޕްރެސް ބޮލުން ފޮނުވާލި ހަމަލާ ގޯލަށް އަމާޒުކޮށްގެން އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް އިނގިރޭސި ވިލާތުން ވަނީ އޭގެ އިރަކޮޅެއް ފަހުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެ ގޯލު އެ ޓީމަށް ޖަހައިދިނީ އެލެން ވައިޓް އެވެ. އެލެންގެ އެ ގޯލަށް ފަހު ވެސް އިނގިރޭސި ވިލާތައް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫއެސްއޭގެ އެލެކްސް މޯގަން ވަނީ ގޯލެއް ޖަހައި އެ ޓީމަށް އަނބުރާ ލީޑު ހޯދައިދީފަ އެވެ. މޯގަންގެ އުފަންދުވަހު އޭނާ ކާމިޔާބުކޮށްދިން މި ގޯލަކީ އޭނާ މި މުބާރާތުގައި ޖެހި ގިނަ ގޯލުތަކުގެ ތެރެއިން ވެސް އެންމެ މުހިއްމު ގޯލެވެ.

ދެވަނަ ހާފު ފެށިގެން އިނގިރޭސިވިލާތުން ވަނީ ގޯލެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ޓީމު ކުރިއަށް ޖައްސައިގެން އެ ޓީމުން ކުރި މަސައްކަތުން މެޗުގެ ފަހު ވަގުތު ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރަން ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް ސްޓެފް ހޫޓޮން ފޮނުވާލި އެ ޕެނަލްޓީ ވަނީ ޔޫއެސްއޭގެ ކީޕަރު އެލީސާ ނައެހާ ދިފާއު ކޮށްފަ އެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގެ މާޔޫސްކަން އިތުރަށް ބޮޑުވެ މިލީ ބްރައިޓަށް ވަނީ މެޗު ނިމިމުގެ ކުރިން ދެ ރީންދޫ ކާޑު ހަމަވެގެން ރަތް ކާޑެއް ވެސް ދައްކާފަ އެވެ.