27 Oct 2011, 16:22
ހަ ވަނަ އައިސީއެފް ކެރަމް ކަޕްގައި ބައިވެރިވާ ރާއްޖޭގެ ޤައުމީ އަންހެން އަދި ފިރިހެން ކެރަމް ޓީމަށް ކުޅުންތެރިން ހޮވުމަށް ކުޅުނު ސިލެކްޝަން މެޗްތައް ރޭ ނިންމާލުމަށް ފަހު ޤައުމީ ޓީމަށް ހޮވުނު ކުޅުންތެރިންގެ ނަންތައް ކެރަމް އެސޯސިއޭޝަނުން އިޢުލާނުކޮށްފި އެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ނޮވެމްބަރު 9 އިން 13 އޮންނަ މި މުބާރާތަގުގައި ވާދަކުރާ ޤައުމީ ފިރިހެން ކެރަމް ޓީމަށް ހަތަރު ކުޅުންތެރިއަކު ހޮވާފައިވާ އިރު އަންހެން ޓީމަށް ވަނީ ތިން ކުޅުންތެރިއަކު ހޮވާފަ އެވެ. ފިރިހެން ޓީމުގައި ހިމެނެނީ ހުސެއިން ނީޝާމް، ހަސަން ނާޒިމް، ޝާފީ މުހައްމަދު އަދި އަހްމަދު ހާމިދެވެ. އަދި އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ފައިނާޒް، އައިމިނަތް ނިފާޝާ، އަދި އައިމަން ވިޝާމާ އެވެ.
އައިސީއެފް ކަޕްގައި ވާދަކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ދިވެހިރާއްޖެ، ޖަރުމަން، އިޓަލީ، ފްރާންސް، އިންގްލެންޑް، ޔޫއެސްއޭ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، ޔޫއޭއީ ފަދަ ޤައުމުތައް ހިމެނެ އެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެއޮތީ ތިން ވަނާގަ އެވެ.