03 Jul 2019, 08:42
ކުލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑަކާ އެކު ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޓެންގުއޭ އެންޑޮމްބެލޭ އިނގިރޭސި ވިލާތުގެ ޓޮޓެންހަމަށް ބަދަލުވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން 2017 ވަނަ އަހަރު ޓޮޓެންހަމް އިން މިހާތަނަށް ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ޑޭވިންސަން ސަންޗެޒްގެ 42 މިލިއަން ޕައުންޑުގެ ރެކޯޑް މުގުރާލުމަށްފަހު އެންޑޮމްބަލޭ އެ ކުލަބާއި ގުޅުނީ 62.8 މިލިއަން ޕައުންޑްގެ އަގަކަށެވެ. ހަ އަހަރުގެ ދިގު އެއްބަސްވުމަކަށް އެންޑޮމްބަލޭ ސޮއެ ކުރި އިރު ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް ޓޮޓެންހަމްއިން އެއްވެސް ކުޅުންތެރިއަކު ގަނެފައެއް ނުވެ އެވެ.
ޓޮޓެންހަމްގެ ސްޓޭޑިއަމު މަރާމާތު ކުރުމަށްޓަކައި ހަރަދު ކުރުމުގެ ގޮތުން އެ ކުލަބުގެ ޓްރާންސްފާ ކަންތައްތައް ދުވަސް ގަނޑަކަށް މަޑު ޖައްސާލުމަށްފަހު ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް އެ ކުލަބުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ. އަދި އެގޮތުން އެ ކުލަބުން ދަނީ ޔޫރޮޕުގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިންނަށް ވެސް ފާރަލަމުންނެވެ.
ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ދެވަނަ މިދިޔަ ސީޒަނުގައި ޓޮޓެންހަމްއިން ހޯދުމާ އެކު އެކުލަބުގެ ނަން ފުޓުބޯޅައިގެ އުދަރެހުގައި ވިދާލި އެވެ. ސަބަބަކީ ޓީމަށް ކުޅުންތެރިޔަކު ނުގެނެސް ދެ އަހަރު ވަންދެން ކުޅެން މަޖުބޫރު ވުމުން ވެސް އެކަމުން ޓީމަށް އަސަރު ނުކުރާ ކަން އެ ޓީމުން ސާބިތު ކޮށްދިނުމުންނެވެ.
ޓޮޓެންހަމްއަށް އަލަށް ސޮއެ ކުރި އުމުރުން 22 އަހަރުގެ އެންޑޮމްބެލޭ މިދިޔަ ސީޒަނުގައި ފްރާންސްގެ ލިއޮންއާ އެކު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް އެ ޓީމުގެ ފެންވަރުގެ ސަބަބުން ޔޫރޮޕުގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ވާދަ ކުރެވޭ ގޮތް ނުވުމުން ޗެމްޕިއަންސް ލީގުގައި އެ ކުލަބަށް މާ ދުރަށް ދެވިފައެއް ނުވެއެވެ. ކުލަބުގެ މެޗުތަކެއް ވުރެން އެންޑޮމްބަލޭ ބޮޑަށް ފާހަގަ ވަނީ ފްރާންސްގެ ގައުމީ ޓީމާ އެކު ދައްކާ މޮޅު ކުޅުމެވެ.
އޭނާ އަކީ ފަހަކަށް އައިސް ފްރާންސްގެ ސްކޮޑުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ގިނަ ކޯޗުތަކެއްގެ އިތުބާރު ވެސް ހޯދައިފައިވާ ކުޅުންތެރިއެކެވެ.