02 Jul 2019, 23:11
ނުރައްކާތެރި ހާލަތްތަކުގައި ހުރި އިމާރާތްތަކުގެ ޝަކުވާ ޕްލޭނިން މިނިސްޓްރީއަށް ނުވަތަ ސިޓީ ކައުންސިލަށް ރިޕޯޓު ކުރަން ޕްލޭނިން މިނިސްޓްރީއިން އެދިއްޖެ އެވެ.
މިއަދު ޕްލޭނިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، ބާވެފައި ހުރި އިމާރާތްތަކުން ބައިތައް ވެއްޓި މީހުންނަށް ގެއްލުންވާ މައްސަލަތައް ފާހަގަވާ ކަމަށެވެ. އެހެންކަމުން، ނުރައްކާތެރި ކަމަށް ބެލެވޭ އިމާރާތްތަކުގެ މައުލޫމާތު އާންމު ރައްޔިތުން އެ މިނިސްޓްރީއަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ވާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
މިނިސްޓްރީއަށް ނުވަތަ ކައުންސިލަށް މައްސަލަ ހުށަހެޅިދާނެ ސަބަބުތައް:
- އިމާރާތެއް ގިނަ ދުވަސްވެ ބާ ވުމުގެ ސަބަބުން
- އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން
- އިމާރާތްކުރުމުގެ މަސައްކަތެއްގެ ފެންވަރު ދަށްވުމުގެ ސަބަބުން
- ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ގޮތަކަށް ތަނެއް އިމާރާތްކޮށްފައި ހުރުން
- ދިމާވި ހާދިސާއެއްގެ ސަބަބުން
ސިޓީ ކައުންސިލަށް މައްސަލަ ހުށަހަޅާ ނަމަ އެ ކައުންސިލުން ކަނޑައަޅާފައިވާ ގޮތަކަށް ހުށަހެޅިދާނެ އެވެ. މިނިސްޓްރީއަށް ނަމަ ސިޓީއަކުން ނުވަތަ އީމެއިލްއިން ނުވަތަ މިނިސްޓްރީގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން މައްސަލަ ހުށަހެޅިދާނެ އެވެ.
އެތަނަކީ ނުރައްކާތެރި ތަނެއް ނަމަ އެކަން އެ ތަނުގެ ވެރިފަރާތަށް އަންގާނެ ކަމަށާއި، އެތަނުގައި ނޯޓިސްއެއް ހަރު ކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އެގޮތަށް ހަދާފައި ވަނިކޮށް، އިމާރާތުގެ ސަބަބުން ގެއްލުމެއް ވެއްޖެ ނަމަ ޒިންމާވާނީ އިމާރާތުގެ ވެރިފަރާތަށް ނުވަތަ އިމާރާތް ބޭނުން ކުރާ ފަރާތަށް އަންގާފައިވާ ނަމަ އެ ފަރާތެވެ.
އަދި މިނިސްޓްރީއިން އެންގުމުންވެސް އިމާރާތުގެ ވެރިފަރާތުން އިމާރާތް ރައްކާތެރި ތަނަކަށް ނުހަދާ ނަމަ، އިމާރާތްކުރުމާ ބެހޭ އިދާރީ ގަވައިދުގެ 146 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދައިގެން އެ މަސައްކަތް މިނިސްޓްރީއަށް ނުވަތަ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީއިން އެހެން ބުނެފައިވާއިރު ދާދި ފަހުން ބާވެފައި ހުރި މާލޭ ގެެއެއްގެ ބެލްކަންޏެއް ވެއްޓި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.