ގާނޫނީ ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އަލަން އުފައްދާ ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ތަސްދީގު ކުރި ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު ގާނޫނަށް އަމަލު ކުރެވޭތާ 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ އެވެ. އެ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާއިރު އިންތިހާބުގައި ވާދަ ކުރަން އިއްޔެ އެ ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައެވެ. އެ ކޮމިޝަނުން ބުނީ، އެ ލިސްޓާ މެދު ޝަކުވާއެއް ވާ ނަމަ މި މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅޭނެ ކަމަށެވެ.

ބާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް މާލޭގައި ބަހައްޓަން ނިންމާފައި ވަނީ ދެ ފޮށްޓެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކެއްވެސް ފުރަތަމަ ރަޖިސްޓްރީ ވެފައި ތިބޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށް ކަމަށާއި، އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ މީހުންނަށް ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށެވެ. ރީރަޖިސްޓްރީ ކުރުމަށް ވެސް ހަތަރު ދުވަސް ލިބޭނެ އެވެ.

ބާ ކައުންސިލަށް އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެކެވެ. އެ ކައުންސިލުގައި ބަންޑާރަނައިބުވެސް އިންނަވާނެއެވެ.