02 Jul 2019, 17:00
ކޮލަމްބޯ (ޖުލައި 2): މިދިޔަ އޭޕްރިލް މަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ހައްޔަރުކޮށްފި އެވެ.
އޭޕްރިލް 21ގައި ލަންކާގެ ތިން ފައްޅިއަކާއި ތިން ލަގްޒަރީ ހޮޓަލުގައި ބޮން ގޮއްވާލީ އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު އިންޑިއާގެ ޖާސޫސީ އިދާރާތަކުން ތަކުރާރުކޮށް ދީފައި ވަނިކޮށެވެ.
އަދި ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފާނަންޑޯގެ އާއި ކުރީގެ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސަންދުރާ ހައްޔަރު ކުރީ، އެމައްސަލައިގައި އެދެ ބޭފުޅުންގެ މައްޗަށް އިހުމާލުވުމުގެ ދައުވާ ކުރުމަށް އެދި އެޓާނީ ޖެނެރަލް ޑައްޕުލާ ޑި ލިވެރާ އެގައުމުގެ މިހާރުގެ ފުލުހުންގެ ވެރިޔާއަށް ލިޔުއްވި ފަހުންނެވެ.
"[އެދެބޭފުޅުން] ރަސްމީ ޒިންމާތަކަށް އިހުމާލުވިކަން ދޭހަވާ ވަރަށް މައުލޫމާތު އެބަހުރި.. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެކަން ބެލޭނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާއެއްގެ ގޮތުގައި،" ލިވެރާ ވިދާޅުވި އެވެ.
އަދި ލިވެރާ ވަނީ ޖަޔަސަންދުރާ އާއި ފާނަންޑޯ ހައްޔަރުކޮށް، އެދެ ބޭފުޅުންގެ ބަޔާނެއް ވީހާވެސް އަވަހަށް ނެގުމަށްވެސް ހިތްވަރުދެއްވާފަ އެވެ.
ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާވެސް ވަނީ އީސްޓާ ސަންޑޭގައި ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު ޖަޔަސަންދުރާ އާއި ފާނަންޑޯއަށް އޭޕްރިލް ހަތަރެއްގައި ލިބުނު ކަމަށާއި ނަމަވެސް ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމައުލޫމާތު ރައީސާ ހިއްސާ ނުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޖަޔަސަންދުރާ އާއި ފާނަންޑޯ ވަނީ ދެ ބޭފުޅުންގެ މައްޗަށްކޮށްފައިވާ އިހުމާލުވުމުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
އަދި ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު ނޭޅި މައްސަލަ ބަލަމުންދާ ޕާލިމެންޓުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިދިޔަ މަހު ޖަޔަސަންދުރާ ވަނީ އިހުމާލުވުމުގެ ޒިންމާ އޭނާ ނަންގަވަން ސިރިސޭނާ އެދިވަޑައިގަތް ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން ޑިޕްލޮމެޓިކް ޕޯސްޓެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
އެހަމަލާތަކަށް ފަހު ޖަޔަސަންދުރަ އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުން ސިރިސޭނާ ވަނީ އޭނާ މަގާމުން ދުރުކުރައްވާފަ އެވެ.
ލަންކާގައި ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވެ، 500 މީހުންނަށް އަނިޔާވި އެވެ. އަދި ލަންކާ މިހާރުވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގަ އެވެ.