27 Oct 2011, 16:04
ތަނުގެ ތެރެއިން މީދާ ފެނި، އަދި މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުންކޮށްގެން ކާ އެއްޗެހި އުފެއްދި މައްސަލަތަކެއް ފެންމަތިވެ ފެންޓަސީ ބޭކަރީގެ ހުއްދަ ބާތިލުކޮށް ތަން ބަންދުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ސީނިއާ ލެބޯޓްރީ ޓެކްނޮލަޖިސްޓް އިބްރާހިމް ޝާފިއު މިއަދު ވިދާޅުވީ ފެންޓަސީ ބޭކަރީ އިއްޔެ ބަންދުކޮށް، ހުއްދަ ބާތިލު ކުރުމަށް ފަހު، މުއްދަތު ހަމަވެފައި ހުރި ތަކެތި ނެގުމަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.
ނަމަވެސް ފެންޓަސީ ބޭކަރީގެ ބޭރުގައި މިއަދު ތަތްކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އެތަން ބަންދުކޮށްފައި ވަނީ މަރާމާތަށް ކަމަށެވެ. އަދި ބޭކަރީގެ ހިއުމަންރިސޯސް ޑިޕާޓްމަންޓުން ވެސް މިއަދު ބުނީ އެތަން ބަންދު ކުރީ މަރާމާތަށް ކަމަށެވެ.
ފެންޓަސީ ބޭކަރީ ހުޅުވާނެ ވަކި ތާރީޚެއް ބޭކަރީން ބުނަފަ އެއް ނުވެ އެވެ.
ބޭކަރީން މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާ އިން ވަކިކުރި އެތަނުގެ ކޭކް ޑެކަރޭޓިން އިންޗާޖް ޒިދްނާ އަލީ ބުނީ އެތަނުގައި ކޭކް އަޅާ އިރު ބޭނުންކުރާ ބައެއް ބާވަތްތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފައިވާނެ ކަމަށެވެ. ނަމަވެސް ސޭންޑްވިޗް އަޅާ މަހާއި ކޭކަށް އަޅާ ޗޮކްލެޓް ފަދަ ތަކެތި މުއްދަތު ހަމަވެފައި ހުރި ނަމަވެސް ބޭނުން ކުރުމަށް އަންގާ ކަމަށް ވެސް ޒިދުނާ ބުންޏެވެ.
އޭނާ ބުނީ އެތަނުގައި ކާއެއްޗެހި ބަހައްޓާފައި ހުންނަ ތަނަށް މީދަލާއި ހިނި އަރާ މައްސަލަ ވެސް ތަކުރާރުކޮށް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް އެ މައްސަލަތައް ސަމާލުކަމަށް ގެންނަން. އެކަމަކު އެއްވެސް ހައްލެއް ނައި. އެންމެ ފަހުން ވަޒީފާ އިން ބުރާސްފަތި ދުވަހު ވަކިކުރީ. އަޅުގަނޑު ދިޔައީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް. ގޮސް އެ މައްސަލަ ރިޕޯޓު ކުރީ،" ޒިދުނާ ބުންޏެވެ.
ޒިދުނާ ބުނީ ފުޑްއެންޑް ޑްރަގް އޮތޯރިޓީން "ސަޕްރައިޒް އިންސްޕެކްޝަނެއް" ޖެއްސުމަށް ފަހު އެތަން ބަންދު ކުރަން އެންގީ ކަމަށެވެ.