02 Jul 2019, 14:24
މާލޭގައި ޕާކު ކުރާނެ ތަންތަން އެކަށީގެންވާ މިންވަރަށް ނުހަދައި، ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ޕާކިންގް ސްޓިކާ ޖަހާ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
މި ހުށަހެޅުން ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާ މެމްބަރު، އަބްދުﷲ ޖާބިރެވެ.
ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅި ސުވާލުކުރުމުގެ ނޯޓިސްގައި ބުނެފައިވަނީ، ޕާކް ކުރާނެ އިންތިޒާމުތައް ހަމަނުޖައްސައި ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެކަށީގެންވާ މިންވަރަށް ޕާކު ކުރާނެ ސަރަހައްދުތައް ނުހަދައި، ޕާކިންގް ސްޓިކާ ޖަހަމުން ދާ ކަމަށެވެ.
"މި ދަތިތައް ހައްލުކުރެވުމަށް ދައުލަތުން ގެންގުޅުއްވާ ސިޔާސަތަކީ ކޮބާތޯ" ޖާބިރުގެ މަޖިލީހަށް ހުށަހެޅި ސުވާލުކުމުގެ ނޯޓިސްގައި ބުނެފައިވެއެވެ.
ޖާބިރު މިއަދު "ސަން" އަށް ވިދާޅުވީ، އެކަށީގެންވާ މިންވަރަށް ޕާކިން ތަންތަން ނުދީ ޕާކް ކުރާ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ އެ މައްސަލަ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށްގެން ސުވާލު ކުރާނެ ކަމަށް ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގައި އެއްވެސް ވަރަކަށް ޕާކިން ތަންތައް ހަދައި ނުދީ، ޕާކިން ސްޓިކާ ޖެހުމަކީ ވަރަށް ގިނަ ރައްޔިތުން ޝަކުވާ ކުރި ކަމެކެވެ. މި ސަރުކާރު ވެރިކަމަށް އައިސް ޕާކިންއަށް ބައެއް ތަންތަން ހެދި ނަމަވެސް އަދިވެސް އެކަށީގެންވާ މިނަވަރަަށް ޕާކިން ތަންތަން ހެދިފައި ނުވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ނުގަވައިދުން މާލޭގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ޕާކިންގް ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލިއެވެ.
އެހެން ނަމަވެސް އަނެއްކާވެސް ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ޕާކިންގް ސްޓިކާ ޖެހުން ފެށިއެވެ. ފުލުހުން ބުނީ ސްޓިކާ ޖެހުން އަލުން ފެށީ ޕާކު ކުރާ އުޅަނދުތަކުގެ ސަބަބުްނ މަގު ބޭނުންކުރާ މީހުންނަށް ދަތިވެ، ޝަކުވާ ލިބޭތީ ކަމަށެވެ.