02 Jul 2019, 13:51
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރާއްޖޭގެ ޘަގާފީ ތަރިކައިގެ ބިލަށް ވާހަކަ ދެއްކުމަށް މިއަދު ފުރުސަތު ހުޅުވާލުމުން މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. މެންބަރުން ބަހުސް ކުރައްވަމުން ގެންދެވީ، ތަފާތު ރޫހެއްގަ އެވެ.
ތަރިކަ އަކީ ހަމައެކަނި ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ ތަކެއްޗާއީ އާސާރީ ބިނާތަކާއި މިސްކިތްތައް ނޫންކަމަށާއި، ދިވެހިންގެ އެންމެ ބޮޑު ތަރިކަ އަކީ ދިވެހި ބަސް ކަމަށް ވިދާޅުވެ، ބަސް ރައްކާތެރި ކުރުމަށް މިއަދު މަޖިލީހުގައި މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
މެމްބަރުން ބިލަށް ވާހަކަދެއްކެވި އިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ތިނަދޫގެ ދާއިރތާކަށް ނިސްބަތްވާ މެމްބަރުން އަމިއްލަ ބަހުރުވައިން ވާހަކަ ދެއްކެވުމެވެ. އެ މެމްބަރުން ވިދާޅުވީ ދިވެހި ބަސް ރައްކާތެރިކަމާ އެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރާ ދިވެހި ބަހުރުވަތައް ވެސް ރައްކާތެރިކޮށްގެން ކަމަށެވެ.
އެގޮތުން އެކި ބަހުރުވަތަކުން ވާހަކަދެއްކުމުގައި ބޭނުން ކުރާ ބަސްތަކަށް ހާއްސަކޮށް ބަސް ފޮތްތައް ހަދަން ޖެހޭ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލްމުޣުނީ އަމިއްލަ "ރަޓު ބަހުން" ވާހަކަ ދައްކަވަމުން ވިދާޅުވީ ރަށްރަށުގައި ހުންނަ ތަރިކަ ހިމާޔަތް ކުރުމަށް މަލޭގައި ހުންނަ މިނިސްޓްރީގެ އިތުރުން ރަށު ކައުންސިލަށް ވެސް ބާރު ދިނުމަށް ފެންނަ ކަމަށެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވެސް މިއަދު މަޖިލީހުގައި ވާހަކަދެއްކެވީ "ހަވަރު ތިނަދޫ" ބަހުރުވައިން އެވެ. ސަނީފް ވިދާޅުވީ ދިވެހި ރަސްމީ ބަހުރުވައަކީ، ހަމައެކަނި މާލޭގައި މީހުން ވާހަކަދައްކާ ބަހުރުވަ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޭޏާ ވިދާޅުވީ މާލޭ ބަހުރުވަ އާއި ހުވަދޫ ބަހުރުވަ އާއި، އައްޑޫ ބަހުރުވަ އާއި ފުވައްމުލަކު ބަހުރުވަ އަކީވެސް ރާއްޖޭގެ ގައުމީ ބަހުރުވަތައް ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި އޮތް ތަފާތު ކުރުންތައް ނައްތާލެވޭނީ މި ބިލުގެ ތެރެއިން ކަމަށާއި، އެކި ހިސާބުތަކުގައި ތިބި ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ކަންކަން ކުރަން ޖެހޭ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
މެމްބަރުން އެކި ބަހުރިވައިން ވާހަކަ ދެއްކެވުމުން މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ބައެއް މެންބަރުންގެ ވާހަކަފުޅުތައް ފަހުމް ނުވި ނަމަ މައާފަށް އެދުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސާ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ވާހަކަ ފަހުމް ނުވުމަކީ އޭނާގެ ކިބައިގައި ހުރި އުނިކަން ކަމަށާއި، މެމްބަރުން އަމިއްލަ ބަހުރުވައިން ވާހަކަ ދެއްކެވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.
އެކި ބަހުރުވަތައް ކުރިއެރުވުމަށް ތާއީދު ކުރައްވާ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ތަރިކައިގެ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި އުފެދިފައިވާ ބަހުރުވަތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލީހުގައި ވެސް ހުވަދޫ ބަހުން، އައްޑޫ ބަހުން، ފުވައްމުލަކު ބަހުން ވާހަކަދެއްކޭނެ ގޮތްތައް ތަނަވަސް ވެފައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ބަހުރުވަތަކަކީ ތަރިކަ ކަމުގައި ގާނޫނުގައި ލިޔުނު ނަމަވެސް، ބޭނުން ނުކުރާ ނަމަ އަދި ކޮންމެ ދުވަހެއްގެ އާދަކާދަތަކުގެ ތެރޭގައި ނުފެންނަ ނަމަ އެފަދަ ބަހުރުވަތައް ނެތިގެން ދިއުމުގެ ބިރު ހީވެފައި އޮންނާނެ ކަމަށެވެ. އަދި ތަފާތު ބަހުރުވަތަކެއް ހުރުމުން ދައްކުވައިދެނީ ދިވެހި ބަހުގެ މުއްސަނދިކަން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.