ހޮންކޮންގް (ޖުލައި 2): ހޮންކޮންގްގައި އިއްޔެ މުޒާހަރާ ކުރި އެތައް ސަތޭކަ މީހުން ގާނޫނު ހަދަ މަޖިލީހުގެ އިމާރާތަށް ވަދެ، ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

އިއްޔެ ހޮންކޮންގްގައި މުޒާހަރާ ކުރީ ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ ދެކޮޅަށާއި ހޮންކޮންގް ޗައިނާގެ ބާރުގެ ދަށަށް ދިޔަތާ 22 އަހަރު ފުރުނު ދުވަހާ ދިމާކޮށެވެ.

އެމުޒާހަރާތަކުގެ ބައެއް ބައިވެރިން ވަނީ ރޭ ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލް ހުންނަ ސަރަހައްދަށް އެއްވެ، އެއިމާރާތުގެ ބިއްލޫރިތައް ދަގަނޑު ޓްރޯލީއަކުން ތަޅާލާފަ އެވެ. އަދި މާސްކާއި ހެލްމެޓު އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ކުޑަ އާއި ދަގަނޑު ގަނޑާއި އެހެނިހެން ތަކެއްޗާ އެކު އިމާރާތް ތެރެއަށް ވަދެފަ އެވެ.

އޭގެ ތެރެއިން ބައެއް މީހުން ވަނީ މަޖިލީހުގެ ޗޭމްބަރަށް ވަދެ، އެތަނުގައި ހުރި މޮނީޓަރުތަކަށާއި މޭޒުތަކަށް ގެއްލުންދީ، ފާރުތަކަށް ސްޕްރޭކޮށްފަ އެވެ. އަދި އެއިމާރާތުގައި ހުރި ހޮންކޮންގްގެ ލީޑަރުންގެ ފޮޓޯތައް ވީދާ، މިހާރުގެ ލީޑަރުންގެ އިސްތިއުފާއަށް ގޮވާލާ ޕޯސްޓަރުތައް ހަރުކޮށްފަ އެވެ.

ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލްގެ ފާރުގައި ލިޔެ، މޮނީޓަރުތަކަށް ގެއްލުންދީފައި -- ފޮޓޯ: އޭއެފްޕީ

ހޮންކޮންގްގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ވަނީ އިއްޔެ އެމުޒާހަރާގެ ބައިވެރިން ހިންގި ހަމަނުޖެހުންތައް ކުށްވެރި ކުރައްވާފަ އެވެ.

"ހޮންކޮންގްގައި އެންމެ މުހިއްމީ ގާނޫނީ ވެރިކަން އެހެންކަމުން މިއީ އަޅުގަނޑުމެން ސީރިއަސްކޮށް ކުށްވެރި ކުރަން ޖެހޭ ކަމެއް. އެ މުޒާހަރާ ކުރާ ފަރާތްތަކުން ހިންގި ހަމަނުޖެހުންތައް ވަނީ ސުލްހަވެރި ކަމާ އެކު ހިޔާލު ފާޅު ކުރުމުގެ ރޮނގު ހުރަސްކޮށްފަ،" ލާމް ވިދާޅުވި އެވެ.

ލެޖިސްލޭޓިވް ކައުންސިލް ހިސާރުކޮށްފައި އޮތް އޮތުން ފުލުހުން ނިމުމަކަށް ގެނައީ މިއަދު ފަތިހު ޕެޕާ ސްޕްރޭ ޖަހައިގެންނެވެ. އަދި މިއަދު އެއިމާރާތް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

މިދިޔަ މަހު ހޮންކޮންގްގައި ބޮޑެތި މުޒާހަރާތައް ފެށުނީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާ ގުޅިގެންނެވެ. މިދިޔަ މަހުގެ 20ގައި ވޯޓަށް އަހަން އޮތް އެބިލު ފާސް ކުރި ނަމަ، ހޮންކޮންގްގައި ތިބި ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ކުރިއަށްގެންދިޔުމަށް، އެމީހުން ޗައިނާއާ ހަވާލު ކުރެވޭނެ އެވެ.

ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އޭގެ ސަބަބުން ހޮންކޮންގްގައި ޗައިނާގެ ނުފޫޒު އިތުރުވާނެ ކަމަށާއި އެގައުމުގެ ޝަރުއީ ނިޒާމަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި އެބިލާ ދެކޮޅަށް ބޭއްވި ބައެއް މުޒާހަރާތައް ހޫނުވެ، ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.

ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލްގައި ހުރި މޭޒުތަކުގައި ލިޔެފައިި -- ފޮޓޯ: އޭއެފްޕީ

އޭގެ ސަބަބުން ލާމް ވަނީ ބިލް ފާސް ކުރުން ފަސް ކުރަން ނިންމަވާފަ އެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތަކުން އަދިވެސް ދަނީ ބިލް އެއްކޮށް އުވާލުމަށާއި ލާމް އިސްތިއުފާ ދެއްވުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

މީގެ ކުރިން 150 އަހަރު ވަންދެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ހޮންކޮންގް 1997 ވަނަ އަހަރު ޗައިނާގެ ބަޔަކަށް ހެދީ "ވަން ކަންޓްރީ، ޓޫ ސިސްޓަމްސް" ނިޒާމުގެ ދަށުންނެވެ. އޭގެ ސަބަބުން ޗައިނާގެ ރައްޔިތުންނާ އަޅާ ބަލާއިރު ހޮންކޮންގެ ރައްޔިތުންނަށް ލިބޭ ސިޔާސީ އަދި ޝަރުއީ މިނިވަންކަން ބޮޑެވެ.

ނަމަވެސް ހޮންކޮންގްގެ ޑިމޮކްރަސީ އެކްޓިވިސްޓުން ބުނާ ގޮތުގައި ޗައިނާއިން އެސަރަހައްދަށް ނުފޫޒު ފޯރުވާ މިންވަރު ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފަ އެވެ.