02 Jul 2019, 11:34
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ފޮރުވައިގެން ގެންގުޅުނު މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވީ ޝައިމް ފިލައިގެން އުޅުނު މައްސަލަ ފުލުހުން މިހާރު ބަލަމުންދާ ކަަމަށެވެ. އަދި ޝައިމް ފިލުވައިގެން ގެންގުޅުނުކަމަށށް ތަހުގީގަށް ފަހަގަ ކުރެވިއްޖެނަމަ އެ މައްސަލަވެސް ފުލުހުން ބަލައި އެފަދަ ފަރާތްތަކާމެދު ފިޔަަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ ގެއެއްގެ ތެރެއަށް ވަދެ އިއްޔެ ފުލުހުން ވަނީ ޝައިމް ހޯދައިފައެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ޝައިމް ފެނުނީ ބުރުޒުމަގުގެ މާފަންނު ކޮޅުގައި ހުންނަ ގެއަކުން އެވެ.
ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިިދިޔަ މަހު 18 ވަނަ ދުވަހުއެވެ. އަދި އޭރު އޭނާ ހުރީ ބަލާނެ މީހަކު ނުވެގެން ކުޑަކުދިންގެ ހިޔާގެ ދަށުގަ އެވެ.
ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.
ޝައިމް ގެއްލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔައިފަ އެވެ.