އޮލިމްޕަސް ގުގުމާލުމަށްފަހު ރޭ ވަނީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ އަގުބޮޑު ފިލްމު "މާމުއި" ނެރެފައެވެ.

ފިލްމު ފެށުނީއްސުރެ ނިމުނުއިރު ގިނަ މީހުން ތިބީ ހީ ހީ ބަނޑަށް ތަދުވާވަރުވެފައެވެ. ފިލްމާ ގުޅޭގޮތުން އެ މީހެއްގެ ހިތުގައި އުފެދުނު ޝުއޫރުތައް އަންނަނީ ސޯޝަލް މީޑިއާއަށް ހިއްސާކުރަމުންނެވެ.

ފިލްމީތަރިންނާ އާންމުންގެ ޝުއޫރުތަކެވެ. ރިވިއުތައް ކިޔާލިއިރު އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ފިލްމީ ތަރި/ ޑައިރެކްޓަރު އައިޝަތު ރިޝްމީގެ ރިވިއުއެވެ. ވަރުގަދަ ރިވިއުއެކެވެ.

ރިޝްމީ ބުނީ "މާމުއި" އަކީ މިހާތަނަށް ބެލުނު އެންމެ މޮޅު ކޮމެޑީ ފިލްމު ކަމަށެވެ. އަދި އިނގިރޭސި، ހިންދީ އަދި ދިވެހި ކޮމެޑީތައް އެއްކޮށްލައިގެން ގަދަ ފަހެއްގައި މި ފިލްމު ހިމެނޭނެ ކަމަށެވެ.

"ފިލްމުގެ ކޮންސެޕްޓް އާއި ތަރިން ބިލްޑްކޮށްފައި ހުރި ގޮތާއި ކޮންމެ ތަރިއެއް ކުޅެފައިވާ އެކްޓަރުން އެ ކެރެކްޓާއެއް ގެނެސްދީފައިވާ ގޮތް އެއްވަނަ. މި ފިލްމު ހަމަ ޔަގީނުންވެސް މި ފިލްމު އުޅޭނެ ގަދަ ފަހެއްގެ ކޮމެޑީ ފިލްމުތަކުގައި،"

ރިޝްމީގެ އިތުރުން އެހެން ބެލުންތެރިންވެސް ވަނީ ފިލްމަށް ތަރުހީބު ދީފައެވެ.

ސޯޝަލް މީޑިއާގައި ބެލުންތެރިންގެ ކޮމެންޓުތަކުން ވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ފިލްމަށް ބެލުންތެރިންގެ ތަރުހީބު ބޮޑުކަމެވެ. ދެވަނަ ފަހަރަށް ވެސް އެ ފިލްމަކީ ބަލައިލަން ބޭނުންވާ ފިލްމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

"ވަރަށް މަޖާ ވަގުތުކޮޅެއް ހޭދަވީ. އެންމެ މޮޅު ކޮމެޑީ ފިލްމުތަކުގެ ތެރޭގައި މި ފިލްމު ހިމެނޭނެ. ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ. ކެރެކްޓާތައް ބިލްޑް ކޮށްފައި ހުރި ގޮތާއި ފްލޯ މެއިންޓެއިންކޮށްފައި ހުރި ގޮތް ވަރަށް ކަމުދިޔަ،"

އެހެން ބެލުންތެރިއަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ "މާމުއި" ފިލްމު ހިޓް ވާނެ ކަން ކުރިން ވެސް އެނގޭ ކަމަށާއި އޭގެ އެންމެ ބޮޑު ސަބަބަކީ ޑާކްރެއިންގެ ފިލްމަކަށް ވުމުން ކަމަށެވެ. އަދި ފިލްމުގެ ލޮކޭޝަންތައް ވަރަށް ކަމުދިޔަ ކަމަށާއި ސިނޮމޮޓަގްރަފީ ވަރަށް ސަޅިކަމަށް އޭނާ ބުންޏެވެ. އަދި ދުވަސްގަނޑަކަށްފަހު ވަރުގަދައަށް ހެވިއްޖެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

"ދިވެހި ސިނަމާ ދުށް އެންމެ މޮޅު ކޮމެޑީ ފިލްމު މިއީ. ބަލައިލަން ވޯތު ފިލްމެއް. ހަމަ މާސްޓާޕީސްއެއް،"

މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ފިލްމުގެ ޝޯގެ ޓިކެޓް މިހާރުވެސް އޮލިމްޕަހުން އެބަ ވިއްކައެވެ. ފިލްމު ޓިކެޓުގެ އަގަކީ 100 ރުފިޔާ އެވެ.

ފިލްމު ނިމުމުން ބެލުންތެރިންގެ ހޫނު އަތްތިލަބަޑީގެ ތަރުހީބެއް ލިބުނެވެ. "މާމުއި" ބަލައި ނުކުތް އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެވެ.

ހަމަޔަގީނުންވެސް ރޭ ފިލްމު ބަލަން ތިބި މީހުން އެއް ކަމަކަށް އިއްތިފާގުވެއްޖެއެވެ. މިވަރުގެ ކޮމެޑީ ފިލްމެއް ނުބެލޭ ކަމަށެވެ. "މާމުއި" އަކީ ހަމަ ރަނގަޅަށްވެސް ވަރުގަދަ ކޮމެޑީ އެކެވެ.