ބްރަސަލްސް (ޖުލައި 2): އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްފަރާތް ކުރުމަށްފަހު އީރާނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ޔޫރަޕްގެ އިއްތިހާދު (އީޔޫ)އިން ގާއިމް ކޮށްފި އެވެ.

މަޝްހޫރު ފޯބްސް މަޖައްލާއިން ބުނީ މި ނިޒާމު މިހާރުވަނީ ފަށައިގަތުމުގެ މަގުމަތީގަ އެވެ. "އިންސްޓެކްސް" ގެ ނަމުގައި އުފައްދާފައިވާ މި ނިޒާމުގެ މަސައްކަތް ފެށުމުން އެ ނިޒާމުގެ ތެރެއިން އެމެރިކާގެ ޑޮލަރާ ނުލައި އީރާނާއެކު ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެއް ހިންގުމުގެ ފުރުސަތު ޔޫރަޕްގެ އިއްތިހާދަށް ލިބިގެންދާނެ އެވެ.

އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ދުނިޔޭގެ ގައުމުތަކުން އީރާނާއެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން އެމެރިކާ ޑޮލަރު ބޭނުންކޮށްގެން ހިންގާ ބައިނަލްއަގްވާމީ ޓްރާންސެކްޝަންތަކަށާއި އީރާނުގެ ތެލުގެ ސެކްޓަރަށެވެ. "އިންސްޓެކްސް" ނިޒާމަކީ އީރާނާއެކު ހިންގާ ވިޔަފާރީގެ މުއާމަލާތަކަށް ބޭނުންވާ ފައިސާގެ ޓްރާންސެކްޝަންތައް ޑޮލަރުގެ ބަދަލުގައި ޔޫރޯ އިން ހެދުމުގެ ނިޒާމެކެވެ. އެހެންކަމުން މިއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޕާސްކޮށް އީރާނާއެކު ވިޔަފާރީގެ މުއާމަލާތައް ހިންގޭނެ ނިޒާމެކެވެ.

ޔޫރަޕްގެ އިއްތިހާދުގެ އިގްތިސާދަކީ އެމެރިކާގެ އިގްތިސާދަށްވުރެ ބޮޑު އިގްތިސާދެއްކަމުން ޔޫރޯއިން މުއާމަލާތްކުރާގޮތަށް ޔޫރަޕުން އީރާނުގެ ތެޔޮގަތުމުން އެކަމާ ދެކޮޅަށް ފިޔަވަޅުއަޅަން ނުކެރޭނެކަމަށް ފޯބްސް މަޖައްލާއިން ބުނެ އެވެ. އީރާނުގެ ތެޔޮ ގަންނަ ވަކިވަކި ގައުމުތަކާ ދެކޮޅަށް އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް ޔޫރަޕްގެ 27 ގައުމުގެ ބޮޑު އިއްތިހާދާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެމެރިކާގެ އިގްތިސާދު ހީނަރު ވެގެންދާނެ ކަމެއްކަމަށްވާތީ އެކަން ކުރަން އެމެރިކާއަށް ނުކެރޭނެ ކަމަށް ފޯބްސް މަޖައްލާގެ ރިޕޯޓްގައި ލިޔުންތެރިޔާ ފްރާންސިސް ކޮބޯލާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޕާސްވާގޮތަށް އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށްޓަކައި "އިންސްޓެކްސް" ގެ ނަމުގައި ޔޫރަޕްގެ އިއްތިހާދުން ނިޒާމެއް ތަރައްގީކުރީ އެމެރިކާގެ ފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށް ދިނުމުގައި ދުނިޔޭގެ އެހެން ބާރުތައް ނާކާމިޔާބުވަމުންދާތީ ނިއުކްލިޔާ އެއްބަސްވުމާ ހިލާފަށް ޔޫރޭނިޔަމް ފައްކާކުރާނެ ކަމުގެ އިންޒާރު އީރާނުން ދިނުމާ ގުޅިގެންނެވެ. އީރާނަކީ ހަނގުރާމަ ކޮށްގެން މައްސަލަ ހައްލުކުރެވޭ ވަރަށް ވުރެ ބޮޑު ގައުމަކަށް ވެފައި އީރާނުން ނިއުކްލިޔާ އެއްބަސްވުމާ ހިލާފަށް ޔޫރޭނިޔަމް ފައްކާކުރާނަމަ އީރާން އެ މިސްރާބު ޖަހަނީ ނިއުކްލިޔާ ހަތިޔާރާ ދިމާއަށް ކަމަށްވާތީ މިކަން ހުއްޓުވުމަށް ހަމައެކަނި އޮތްގޮތަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދިނުން ކަމަށް ޔޫރަޕްގެ ލީޑަރުން ދެކެވަޑައިގަންނަވާ ކަމަށް ފޯބްސް މަޖައްލާގެ ރިޕޯޓްގައި ލިޔުންތެރިޔާ ފްރާންސިސް ކޮބޯލާ ވިދާޅުވެފައިވެއެވެ.

ޔޫރަޕްގެ މިނިޒާމާއެކު އެމެރިކާވަނީ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވެދާނެ ކަމުގެ ބިރު އިހްސާސްކުރަން ފަށާފައެވެ. ލަންޑަންގައި ނުކުންނަ ޓައިމްސް ނޫސް ބުނާގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނާކާމިޔާބުވެދާނެ ކަމުގެ ބިރު އެމެރިކާ އިހްސާސްކުރަން ފެށީ އީރާނުގެ އަވަށްޓެރި ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ހުރަސްކޮށް އީރާން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން އެމެރިކާއަށް ލިބިފައިނުވުމާއި ޗައިނާއާއި ރަޝިޔާއިން އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމުގެ އިތުރުން އީރާނާ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ޔޫރަޕްގެ އިއްތިޙާދުން "އިންސްޓެކްސް" ގެ ނަމުގައި ޚާއްސަ ނިޒާމެއް އެކުލަވާލުމުގެ ސަބަބުންނެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވެ ޓްރަމްޕްގެ ވެރިކަމުގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އެމެރިކާ ގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާގޮތަށް ނިއުކްލިޔާ އެއްބަސްވުން އަލުން އެކުލަވާލަން އީރާނަށް މަޖްބޫރު ކުރުވުމަށެވެ. އަލުން އެކުލަވާލަން ޓްރްމްޕް ބޭނުންވާ އެއްބަސްވުމުގައި ނިއުކްލިޔާ ހަރަކާތައް ހުއްޓާލުމުގެ އިތުރުން އީރާނުގެ މިސައިލް ޕްރްގްރާމުވެސް ހުއްޓާލުމާއި ސަރަހައްދުގައި އީރާން ގެންގުޅޭ ސިޔާސަތުވެސް އިސްރާއީލާއި ސައޫދީ އަރަބިޔާފަދަ އެމެރިކާގެ ބައިވެރިންގެ ނުފޫޒަށް ނުރައްކާ ނުވާނެގޮތަކަށް ބައްޓަން ކުރުން ހިމެނެއެވެ. މިކަމަށް އީރާންވަނީ ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުން އީރާނުގެ އިގްތިސާދު ސަލާމަތްކޮށްދިނުމުގައި ދުނިޔޭގެ އެހެން ބާރުތައް ފޭލްވާނަމަ ނިއުކްލިޔާ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާނެކަމާއި މިގޮތުން މަތީފެންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ފަށާނެކަމުގެ އިންޒާރު ދިނުމަށްފަހު އީރާނުން މިކަން މިހާރު ފަށާފައިވާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ބުނެއެވެ. (ނޫސްއެޖެންސީތައް)