ދިއްލީ (ޖުލައި 2): އިންޑިއާގެ މުމްބާއީއަށް ފާއިތުވި ފަސް ދުވަސްތެރޭ ބޯކޮށް ވާރޭ ވެހި، އެއްގަމާއި ވައިގެ ދަތުރުފަތުރަށް ހުރަސް އެޅިއްޖެއެވެ.

މުމްބާއީގެ މުނިސިޕަލް ކޮމިޝަނާ ޕްރަވީން ޕަރުދޭޝީ ވިދާޅުވި ގޮތުގައި ފާއިތުވި ދެ ދުވަސް ތެރޭ އެ ސަރަހައްދަށް ވަނީ 540 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ މިދިޔަ 10 އަހަރު ތެރޭގައި، ދެ ދުވަހުގެ މުއްދަތެއްގައި އެންމެ ގިނައިން މުމްބާއީއަށް ވާރޭ ވެހުނު ފަހަރެވެ.

އޭގެ ސަބަބުން މުމްބާއީގެ ގިނަ އަދަދެއްގެ ގެތަކުގައި ފެންބޮޑުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި އިއްޔެ މަހާރަޝްތުރާގެ ސަރުކާރުން ވަނީ މިއަދަކީ މުމްބާއީއަށް ބަންދު ދުވަހެއް ކަމަށް އިއުލާންކޮށްފައެވެ.

މުމްބާއީއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެފައި -- ފޮޓޯ: ހިންދުސްތާން ޓައިމްސް

އަދި ފެންބޮޑުވުމުގެ ސަބަބުން މުމްބާއީގެ ސެންޓްރަލް ރެއިލްވޭސްއިން ބައެއް ސަރަހައްދުތަކުގައި ރޭލު ދަތުރުތައް ކެންސަލްކޮށްފައި ވެއެވެ. އަދި މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަން އޮތް 54 ފްލައިޓު ޑައިވާޓުކޮށް، 52 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް އެއާޕޯޓުން ބުންޏެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއިން ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުމްބާއީގެ މަލަދުގައި ފާރެއް ވެއްޓި، 14 މީހަކު ވަނީ މަރުވެފައެވެ. އަދި އޭގެ ދަށުގައި މީހުން ތާށިވެފައި ތިބިތޯ ބަލައި، އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.