02 Jul 2019, 11:02
ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ އަގުބޮޑު ފިލްމު "މާމުއި" ރޭ ޕްރިމިއާކޮށްފިއެވެ.
ހައުސް ފުލް ޝޯ އަކާ އެކު ފިލްމު ރޭ ޕްރިމިއާކުރި އިރު އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.
ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ބުނީ "މާމުއި" އަކީ މަސައްކަތްކުރެވުނު އެންމެ ތަފާތު އަދި އެންމެ ހިތްހަމަޖެހޭ އެންމެ މަޖާ މަސައްކަތް ކަމަށެވެ. އަދި ފިލްމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ޖުލައި 1، 2019: ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ބޮޑު ފިލްމު "މާމުއި" ރިލީޒްކުރުމަށް އޮލިމްޕަހުގައި ބޭއްވި ޕްރިމިއާ ނައިޓް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ފިލްމު ފެށިގެން ނިމިގެން ދިޔައިރު ވެސް މުޅި އޮލިމްޕަސް އޮތީ ގުގުމާލާފައެވެ. ހޭ އަޑުންނެވެ. ޝައުގުވެރި ކަމާ އެކީ ފިލްމު ނިމިގެން ދިޔައިރުވެސް ގިނަ މީހުންނަށް ރޭކާ ވެސް ނުލިއެވެ. އޮލިމްޕަހުން މީހުންތައް ނުކުތީ ހިތްހަމަޖެހިގެންނެވެ.
"މިއީ ރާއްޖޭގައި ބެލުނު އެންމެ މަޖާ އެންމެ ސަޅި ކޮމެޑީ ފިލްމު. ވަރަށް މަޖާ ފިލްމު. ހީ ހީ ގޮސް ރޮވޭވަރުވެފައި އިނީ. ޑައިލޮގްތައް ވަރަށް ފުރިހަމަ. ހަމަ ވަރުގަދަ މާމުއި ފުޅިއެއް ފިލްމުން ފެނުނީ،" ފިލްމު ބެލުމަށްފަހު ނުކުރް ޒުވާނަކު ބުންޏެވެ.
ފިލްމު ނިމުމުން ބެލުންތެރިންގެ ހޫނު އަތްތިލަބަޑީގެ ތަރުހީބެއް ލިބުނެވެ. ފިލްމުގެ ކޮންމެ ލަވައަކަށްވެސް ބެލުންތެރިންގެ ހޫނު އަތްތިލަބަޑި އެއް ލިބުނެވެ. "މާމުއި" ބަލައި ނުކުތް އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ.
ފިލްމުން އެންމެ ތަފާތުކޮށް ފެނުނު ބަތަލު--- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ކީކޭ ބުނާނީ ފިލްމާ ދޭތެރޭ. ހާދަހާ އޭ މޮޅީ ތަރިންތައް. ވަކި ތަރިއަކަށް ދޫކުރާ ތަރިއެއް ނެތް. ހުރިހާ އެންމެންގެ ކެރެކްޓާތައް ވެސް ވަރަށް ހިތްގައިމު. މޮޅު ކޮމެޑީ ފިލްމެއް މިއީ. ބޭރު ކޮމެޑީ ފިލްމުތައް އެއްކޮށްލައިގެން ވެސް މާމުއި އަންނާނެ ލިސްޓަށް،"
މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރުއެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ޖުލައި 1، 2019: ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ބޮޑު ފިލްމު "މާމުއި" ރިލީޒްކުރުމަށް އޮލިމްޕަހުގައި ބޭއްވި ޕްރިމިއާ ނައިޓް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާވެސް މި ފިލްމުން ހިމެނޭނެ އެވެ.
އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހެދި އެ ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ)އެވެ.
އޮލިމްޕަސް ކައުންޓަރުން ފިލްމުގެ ޓިކެޓް ލިބޭނެއެވެ. "މާމުއި" އަކީ ވަރުގަދަ ކޮމެޑީއެއްކަން ބެލުންތެރިން އިއްތިފާގުވެއްޖެއެވެ. ފިލްމުގެ ރިވިއުއަށް އިންތިޒާރުކޮށްލައްވާށެވެ.