އިމާރަތްކުރުމުގައި ބޭނުންކުރާ ބައެއް އަސާސީ މުދާ އެތެރެކުރުމުގައި ހާއްސަ ހުއްދައެއް ނަގަން ޖެހޭތީ، މޯލްޑްވްސް ޓްރޭޑް ޔޫނިއަން އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިމާރަތް ކުރަން ބޭނުންކުރާ ތަކެތި އުފެއްދުމާއި އެތެރެކުރުމުގެ ގަވައިދަށް އެއްވަނަ އިސްލާހު ގެނައުމާއެކު އިމާރަތް ކުރުމުގައި ބޭނުންކުރާ ސިމެންތި އާއި ކޮންކްރީޓަށް ބޭނުންވާ ހުރިހާ ގްރޭޑެއްގެ ހިލަ، ކޮންކްރީޓަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ވެލި، ދަގަނޑު، ހުރިހާ ގްރޭޑެއްގެ ރެޑީ މިކްސް ކޮންކްރީޓު އަދި އިމާރާތް ކުރުމަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ގާ އެތެރެކުރެވޭނީ އަދި އުފެއްދޭނީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ހުއްދަ އާއެކު އެވެ.

ހުއްދަ ނެތި އެ ތަކެތި ރާއްޖެ އެތެރެކޮށްފިނަމަ ކަސްޓަމުން އެތަކެތި ހިފަހައްޓާނެ އެވެ. ޕްލޭނިން އިން ބުނެފައިވަނީ އިމާރަތް ކުރުމުގައި ބޭނުންކުރާ ހަ ބާވަތެއްގެ ތަކެތި ހުއްދަ ނެތި އެތެރެކުރުމާއި އުފެއްދުން މަނާކުރީ އިމާރަތް ކުރުމުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ.

މި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރޭޑް ޔޫނިއަން އިން ނެރުނު ބަޔާނުގައި ތުހުމަތު ކުރީ، އެ ބަދަލަކީ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އިމާރަތް ކުރުމުގައި ބޭނުންވާ ހަ ބާވަތެއް ރާއްޖެ އެތެރެކުރެވެނީ ނުވަތަ އުފެއްދޭނީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިސްލާހުގައި ބުނެފައިވާއިރު، މި ބަދަލަކީ "ދެއުޅިއެއްނުވާ" އިސްލާހެއް ކަމަށް ޓްރޭޑް ޔޫނިއަން އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެެ ބަޔާނުގައި ބުނީ ރާއްޖެއަކީ މި ތަކެތި އުފައްދާ ގައުމެއް ނޫން ކަމަށާއި، އެތަކެތި އުފައްދައި އެކްސްޕޯޓްކުރާ ގައުމުމުތަކަކީ، އެތަކެތި އުފެއްދުން ފަންތިކޮށް އަދި ގިންތިކޮށް ފެންވަރު ހިފަހައްޓާނެ ނިޒާމުތައް ގާއިމްކޮށްފައިވާ ގައުމުތަކެއް ކަމަށެވެ. އެބާވަތްތަކުގެ މުދާ އުފައްދާ ކުންފުނިތަކަކީވެސް އެކުންފުނިތަކުގެ އެތެރޭގައި ސްޓޭންޑަޑައިޒްކުރުން ތަންފީޒުކުރާ ކުންފުނިތައް ކަމަށްވެސް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

ގަވައިދަށް ގެނައި އިސްލާހަކީ ފްރީ މާކެޓް އިކޮނޮމީގައި ހުރިހާ ވިޔަފާރިތަކަށްވެސް ހަރަކާތްތެރި ވެވޭގޮތަށް އޮތް މިނިވަން ފުރުސަތު ހަނިކޮށް، ސަރުކާރުން އެ ސިނާއަތަށް ސީދާކޮށް ވަނުން ކަމަށް ޓްރޭޑް ޔޫނިއަންގެ ބަޔާނުގައި ބުންޏެވެ.

"މިއީ މިނިވަން އިގްތިސޯދުގެ ހަމަތައް ގެއްލުވާލާ ޒަމާނުއްސުރެ ރާއްޖޭގައި ހިފާއްޓަމުންއަންނަ "ކޮމާންޑް އެކަނަމީ"ގެ ސިފަތައް އިގްތިސޯދުގައި އަށަގެންނެވުމަށް ކުރެވިފައިވާ މަސައްކަތެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

އިމާރާތް ކުރުމަށް ބޭނުންކުރާ ބައެއް އަސާސީ ތަކެތި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ހާއްސަ ހުއްދައެއް ނެތި ރާއްޖެ އެތެރެކުރުމާއި އުފެއްދުން، މަނާކޮށްފައިވާތީ އަދި އެބާވަތްތައް ހުއްދަ ނެތި އެތެރެކުރުމުން ޓެސްޓުކޮށްދިނުން ވެސް މާނާކޮށްފައިވާތީ، އެކަން މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ވަނީ ކުށްވެރިކޮށްފައެވެ.

ވިޔަފާރީގެ މިނިވަންކަން، ވިޔަފާރިތަކަށާއި އަދި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލު އަލުން މުރާޖާއާކޮށް ބާތިލްކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.