02 Jul 2019, 00:37
ކ. ދިއްފުށީ ސިއްހީ މަރުކަޒުގެ ދެ ނަރުހަކު ސަސްޕެންޑުކޮށްފިއެވެ.
ދިއްފުށީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ވިޝާމް މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މަރުކަޒުގެ ދެ ދިވެހި ނަރުހަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ރޭ ދިއްފުށީ ސިއްހީ މަރުކަޒުގައި ބަލި މީހަކަށް ފަރުވާ ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކަށް ނުބަލައި ފަރުވާ ދިނުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން އަންނަނީ އެ މައްސަލަ ބަލަމުން ކަމަށާއި ފަރުވާ ދިނުމުގެ މިންގަނޑުތަކާ ޚިލާފަށް ކަމެއް ހިނގާފައިވާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.