ވިކްޓަރީގެ ފުރަތަމަ އޭގާރައިގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިއަކަށް މިރޭ މާޒިޔާ މެޗުގައި ނުކުޅެވުނު ކަމުގައި ވިޔަސް، މެޗަށް ޓީމް ނުކުންނާނީ އެ ދެކުޅުންތެރިންގެ ފުރިހަމަ އެއްބާރު ލުމާ އެކު މެޗް ކާމިޔާބު ކުރުމުގެ އުންމީދުގައި ކަމަށް ޓީމްގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.

އެފްއޭ ކަޕުގެ ދެ ވަނަ ސެމީ ފައިނަލްގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނަ އިރު، ދަނޑު މަތިން ނުފެންނާނެ ވިކްޓަރީގެ މުހިންމު ދެ ކުޅުންތެރިންނަކީ މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ސީޒަންގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާ ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.

ކުޑައްޓޭ އަށް މިރޭގެ ސެމީގައި ނުކުޅެވެނީ، ޕްރެޒިޑެންޓްސް ކަފުގެ ފައިނަލްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިއުއަތުން މޮޅުވި މެޗުގައި އޭނާ އަށް ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. އަދި އޮއްޕޮއަށް ނުކުޅެވެނީ ހަމަ އެ މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު، ދެ ރީނދޫ ކާޑު ހަމަވުމާ ގުޅިގެންނެވެ.

މާޒިޔާއާ ދެ ކޮޅަށް މިރޭ ވިކްޓަރީ ނުކުންނަ އިރު ޓީމުގެ މެނޭޖަރު އަޔާ ބުނީ، އިދިކޮޅަށް ނުކުންނަ މާޒިޔާއަކީ މިމުބާރާތުގައި ޅަޓީމެއް ކަމުގައި ވިޔަސް، އެއީ މޮޅު ޓީމެއް ކަމަށެވެ. އަދި މިރޭގެ މެޗުގައި ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކަށް ނުކުޅެވުނު ކަމުގައި ވިޔަސް، އެކުޅުންތެރިންގެ ބަދަލުގައި ދަނޑުމައްޗަށް ނުކުންނަ ދެ ކުޅުންތެރިންނަކީ މޮޅު ދެ ކުޅުންތެރިން ކަމަށެވެ.

"އޮއްޕޮއާއި ކުޑައްޓޭ މިރޭގެ މެޗުގައި ދަނޑުމަތިން ނުފެނުނު ކަމުގައި ވިޔަސް، އެ ދެކުޅުންތެރިންގެ އެއްބާރުލުން މިރޭގެ މެޗުގައި ފެންނާނެ. ވިކްޓަރީގެ އުންމީދަކީ އަބަދު ވެސް ކާމިޔާބު. މިރޭގެ މެޗް ކާމިޔާބު ކުރަން ވިކްޓަރީން މަސައްކަތް ކުރާނެ. މަޒިޔާއަކީ ބަލި ޓީމެއް ކަމަކަށް ނުދެކެން." އަޔާ ބުންޏެވެ.

އޭނާ ބުނީ، މާޒިޔާއާ ދެކޮޅަށް ސީޒަންގައި މިހާތަނަށް ވިކްޓަރީ ޖުމްލަ ތިން މެޗެއް ކުޅުން ކަމުގައި ވިޔަސް، މިރޭގެ މެޗަކީ މުޅިން އާމެޗެއް ކަމަށެވެ. އެގޮތުން ސީޒަންގައި މިހާތަނަށް ވިކްޓަރީ މާޒިޔާ އަތުން އެއް މޮޅު ލިބުނަސް، އެނަތީޖާއަކީ ވިކްޓަރީއަށް އިތުރު ހާސްކަމެއް ލިބިގެންދާނެ ނަތީޖާއެއް ނޫން ކަމަށް އަޔާ ބުންޏެވެ.

ސީޒަންގައި މިހާތަނަށް މާޒިޔާއާ ދެކޮޅަށް ވިކްޓަރީ ކުޅެފައިވާ ތިންމެޗަށް ބަލާ އިރު، މާޒިޔާ މޮޅުވެފައި ވަނީ އެއް މެޗުންނެވެ. އެއީ ދިރާގު ދިވެހި ލީގިގެ ދެ ވަނަ ބުރުގަ އެވެ. އެ މެޗުން ވިކްޓަރީ 3-1 ލަނޑުން ބަލިވެފައި ވާއިރު، ވިކްޓަރީއަށް މޮޅެއް ލިބިފައި ވަނީ ލީގުގެ ފުރަތަމަ ބުރުގަ އެވެ. އެމެޗުން މާޒިޔާ ބަލިވެފައި ވަނީ 2-1 ލަނޑުގެ ތަފާތަކުންނެވެ. އަދި ލީގުގެ ތިން ވަނަ ބުރުގައި މި ދެ ޓީމް ބައްދަލުކުރި މެޗު ނިމުނީ 2-2 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ވިކްޓަރީއާ ދެކޮޅަށް މި މުބާރާތުގައި މާޒިޔާ އެންމެ ފަހުން ކުޅެފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. އެއަހަރުގެ ކުއާޓާ ފައިނަލުގައި މާޒިޔާ ބަލިކޮށް ސެމީގެ ޖާގަ ހޯދީ ވިކްޓަރީ އެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ ރޭގައި ނިއު އަތުން މޮޅުވުމަށް ފަހު ފައިނަލަށް ދަތުރުކުރި ވީބީ އާ އެވެ.

ފާއިތުވި ދެ އަހަރު ވެސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ވިކްޓަރީ އެވެ.