01 Jul 2019, 22:08
ހިމާޔާތް ކޮށްފައިވާ މަޑިއެއް ހިފައި އޭގެ ނަގޫ ބުރި ކޮށް އެއަށް ގޯނާ ކުރި މައްސަލަ އެއް، އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގް ކުރުމަށް ނިންމައިފި އެވެ.
އީޕީއޭ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އައްޑޫގައި މަޑިއެއް ހިފައި އެއަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ގުޅިގެން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
ސޯސަލް މީޑިއާގައި ދައުރުވާވީޑިއޯ އަކުން ފެންނަ ގޮތުގައިދެ ފޫޓް ވަރު ހުންނަ އެ މަޑި ބޭނިފައިވަނީ ބަނދަރެއް މަތީގައި މަސްވެރިކަން ކުރުމަށް އުޅުނު ބަޔަކަށެވެ. އަދި ދެ މީހަކު ވެގެން އޭ ނަގޫ ބުރި ކޮށްލުމަށްފަ މޫދަށް މަޑި އެއްލާލަ އެވެ.
އަދި އެކަން ކުރިއިރު ކައިރީގައި ވެސް ބަޔަކު ތިބެ ނަގޫ ބުރިކޮށް ނުލައި މޫދަށް ދޫކޮށް ނުލުމަށް ބުނާ އަޑުއިވެ އެވެ. ނަގޫ ބުރި ކޮށްލުމަށްފަހު ދާވަންޏެއްގެ އެހީގައި މަޑީގެ އެކި ހިސާބުތަކުގައި އަޅުވައި މޫދަށް ވައްޓާލަ އެވެ. އަދި މަޑުމަޑުން އަޑިއަށް ގޮސް ގެއްލުނު އިރުވެސް އެއްވެސް ކަހަލަ ހަރަކާތެއް ކުރި މަންޒަރެއް ނުފެނެ އެވެ. ބެލެވޭ ގޮތުގައި މަޑި މަރުވީ އެވެ.
އަތަނުގައި ހުރި އެކަކު ބުނީ އެ މަޑި މަރުވީ ކަމަށެވެ. ނަމަވެސް އެހެން މީހަކު ބުނާ އަޑު އިވުނީ، އޭތި ގޮސް މަޑުމަޑުން ބިމުގަ ޖެހުމަށްފަހު އަލުން ދިރިގެން ދުއްވާފައި ދާނީ ކަމަށެވެ.
އީޕީއޭ އިން ވަނީ 2014 ވަނަ އަހަރުގެ 16 ވަނަ ދުވަހު ހުރިހާ ވައްތަރެއްގެ މަޑި ހިމާޔާތް ކުރުމަށް ނިންމާފަ އެވެ. ރާއްޖޭގައި މަޑި އާއި މިޔަރު ހިމާޔާތް ކުރުމަށް ނިންމުމާއި އެކު އެ ދެ ބާވަތުގެ އެއްޗިހީގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި މަސްވެރިން މަސް ބޭނުމުގެ ތެރޭގައި މަޑި އާއި މިޔަރު އާންމުކޮށް ބޭނެއެވެ. އެކަމާއި ބައެއް މަސްވެރިން ހިތް ހަމަ ނުޖެހުން ވެސް ފާޅުކުރެ އެވެ.