01 Jul 2019, 21:00
ރާއްޖޭގެ ކޯޓުތަކުގައި ޖިންސީ ފުރައްސާރަކުރުން އޮތް މިންވަރު ބެލުމަށް ދިރާސާއެއް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، މިއަދުގެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި އެ ގޮތަށް ނިންމީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ތެރެއިން ޖިންސީ ފުރައްސާރައާ ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ފާހަގަވެފައިވާތީ ކަމަށެވެ.
"ޖިންސީ ފުރައްސާރަކުރުމާއި ގުޅޭ ޝަކުވާތައް ހުށަހެޅެމުން އަންނާތީ އެކަން އިތުރުވާކަން ފާހަގެވެފައިވާތީ ކޯޓްތަކުގެ ތެރެއިން ކިހާ މިންވަރަކަށް މިކަން އޮތްތޯ ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރުމަށް މިއަދު ވަނީ ކޮމިޝަނުން ނިންމާފައި،" ޒަހީން ވިދާޅުވި އެވެ.
ކޯޓުތަކުގައި ޖިންސީ ފުރައްސާރަ ކުރާ މިންވަރު ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު މިއަދުގެ ބައްދަލުވުމުގައި ވަނީ ޖިންސީ ފުރައްސާރައިގެ ޝަކުވާތަކެއް ހުށަހެޅިފައިވާ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު ސަސްޕެންޑުކުރުމަށް ނިންމާފަ އެވެ. އަދި އެފަދަ މައްސަލަތަކެއް ހުށަހެޅިފައިވާ ރ. މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް އަދުނާނު ހުސައިންގެ މައްސަލައެއް ބެލުމަށް ވެސް މިއަދު ވަނީ ނިންމާފައެވެ.
ޖޭއެސްސީން މިހާރު އަންނަނީ 12 ގާޒީއެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އަދި އޭގެ ތެރެއިން ތިން ގާޒީއެއް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.