ނޮވެމްބަރު ތިނެއްގެ އުދުވާނުގައި އިސްކޮށް ހަރަކާތްތެރި ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ އަނބުރާ ގެނައުމަށް 2.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އިދިކޮޅު ޕީއެންސީ- ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ލުތުުފީ ލަންކާގައި ވަގަށް އުޅުނު މައްސަލާގައި އެ ގައުމުގެ އިމިގްރޭޝަނަށް ވަރަށް ބޮޑު އަދަދެއްގެ ޖޫރިމަނާ ދައްކަން ޖެހޭ ކަން އެނގިފައިވާ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް އެގައުމުގައި ބިދޭސީން ވިސާ ނެތި ގަވައިދާ ހިލާފަށް އުޅުމަކީ ވަރަށް ބޮޑު ކުށެކެެވެ. އެފަދަ މައްސަލަތަކުގައި ބޮޑު އަދަދެއްގެ އަދަދުން ޖޫރިމަނާކުރުމަކީ ގިނަ ގައުމުތަކުގައި އާންމުކޮށް ކަން ހިނގާ އުސޫލު ވެސް މެ އެވެ.

ލުޠުފީ ފިލާފައި ވަނީ 2010 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އޭނާ ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވާލުމާއެކު އެވެ. އެހެން ކަމުން ލުތުފީ ގަވައިދާ ހިލާފަށް ލަންކާގައި އުޅޭތާ މިހާރު އަށް އަހަރުވަރު ވެދާނެ އެވެ.

ޝިޔާމް ވިދާޅުވީ ލުތުުފީގެ ބޮޑު ޖޫރިމަނާ ސަރުކާރުން ދައްކައިދޭން ސަރުކާރުން އެއްބަސްވެފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް ޝިޔާމް ވަނީ ސަރުކާރަށް އިލްތިމާސްކޮށްފަ އެެވެ.

"އެ ފައިސަ ދިވެހި ދައުލަތުން ދައްކަންޏާ ދައްކާނީ ދިވެހި ރައްޔިތުންގެ ޓެކްސްއިން. އެހެންވީމާ އެއީ ހަމަ ދިވެހި ދައުލަތުން ހޭދަވާ އެއްޗެއް." ޝިޔާމް ވިދާޅުވި އެވެ.

ލުތުފީ ރާއްޖޭގެ އެމްބަސީ އިން ހިމާޔަތް ހޯދީ، ސަރުކާރުން ބުނާ ގޮތުގައި މޭ މަހު 1 ވަނަ ދުވަހު އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ލުތުފީ އެމްބަސީގެ ހިމާޔަތް ހޯދީ އޭޕްރީލް 21ގައި ކަމަށެވެ.

ލުތުފީ އެމްބަސީގައި ހުރިކަން ފަޅާއަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ލުތުފީގެ މައްސަލަ ފަޅާއެރުމުން ސަރުކާރުން ފުރަތަމަ ބުނީ އޭނާ 48 ގަޑިއިރު ތެރޭގައި އޭނާ ރާއްޖެ ގެންނާނެ ކަމަށެވެ. ނަަމަވެސް ފަހުން ބުނީ ލަންކާ ސަރުކާރުން ހޯދަން ޖެހޭ ލިޔެކިއުންތަކެއް ނުހޯދިގެން އޭނާ ނުގެނެވި ވާ ކަމަށެވެ.