ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު ސަސްޕެންޑުކޮށް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ރާޣިބުއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް މީހުންގެ ބަޔާންތައް މިހާރު ނަގާފައިވާ ކަމަށެވެ. އަދި މެޖިސްޓްރޭޓް ރާޣިބުއާ ސުވާލުކޮށް އޭނާގެ ބަޔާނެއް ވެސް ނަގާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.

"މި ޝަކުވާ މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރުގަ މި މައްސަލަ އިތުރަށް ކުރިއަށް ގެންދާއިރު ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު ރާޣިބު އަހްމަދު މަސައްކަތައް ނިކުމެ އަމަލީގޮތުން މަސައްކަތުގައި އުޅުމަކީ ކޮމެޓީން މިހާރު ކުރަމުން ގެންދާ ތަހުގީގަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ކޮމެޓީއަށް މިހާރު ގަބޫލު ކުރެވޭ،"

ރާޣިބު މަސައްކަތައް ނުނިކުމެ މަޑުކުރުމަށް އެންގީ އޭނާގެ ތަހްގީގް ނިމި އެ ރިޕޯޓް ހުށަހަޅަންޖެހޭ ފަރާތްތަކައް ހުށަހަޅައި މުޅި ތަހުގީގް އެއްކޮށް ނިމެންދެން ކަމަށް ޒަހީން ފާހަގަކުރެއްވިއެވެ.

ރާޣިބުގެ މައްސަލަ ބަލަމުން އަންނައިރު އޭގެ ތެރެއިން ޖިނާއީ ކުށްތަކެއް ފާހަގަވެފައިވާތީ އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅެމަށް ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.

ޖޭއެސްސީން މިހާރު ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުން އަންނައިރު، ރ. އިންނަމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އޭނާއަށް ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަން ޒަހީން ފާހަގަކުރެއްވި އެވެ.

އެގޮތުން އަލީ ނަޝީދަށް ނަސޭހަތް ދިނުމަށް ނިންމީ، ކޯޓް ތެރޭގައި ޚަރުދު ކުރުމަށް ހުރި އިޖުރާއަތްތަކާ ޚިލާފްވާ ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ޒަހީން ވިދާޅުވި އެވެ.