01 Jul 2019, 19:19
ގާނޫނީ ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އަލަން އުފައްދާ ބާ ކައުންސިލްގެ އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ވުޖޫދަށް އައި ބާ ކައުންސިލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބާ ކައުންސިލުގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ އިންތިހާބު 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ އެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ މިހާރު ޤާނޫނީ ވަކީލުންގެ ލިސްޓު ވެސް އެކުލަވާލާފައިވާ ކަމަށާއި މާދަމާ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ. ބާ ކައުންސިލް އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ މީހަކާއި ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލެއްގެ މައްޗަށެވެ.
ޝަރީފް ވިދާޅުވީ މިއީ އިލެކްޝަންސް ކޮމިޝަނަށް ވެސް މުޅިން އާ ތަޖުރިބާއެއް ކަމަށާއި، އެހެން ނަމަވެސް އެހެން އިންތިޚާބުތަކާ އެއްގޮތަށް ބާ ކައުންސިލް އިންތިޚާބު ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ބާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް މާލޭގައި ބަހައްޓަން ނިންމާފައި ވަނީ ދެ ފޮށްޓެވެ. ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ލިސްޓު މާދަމާ އާންމު ކުރާ އިރު، ޝަކުވާ ހުށަހެޅުމަށް ހަތަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ޝަރީފް ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެންމެން ވެސް ފުރަތަމަ ރަޖިސްޓްރީ ވެފައި ތިބޭނީ މާލޭގައި ބަހައްޓާ ފޮށްޓަކަށް ކަމަށާއި، އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ މީހުންނަށް ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް މާދަމާ ހުޅުވާލާނެ ކަމަށެވެ. ރީރަޖިސްޓްރީ ކުރުމަށް ވެސް ހަތަރު ދުވަސް ލިބޭނެ އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އިންތިޚާބުގައި ވާދަކުރުމަށް ފަސް ވަކީލުންނަށް ވުރެ ގިނަ ވަކީލުން ކުރިމަތިލާ ކޮންމެ ރަށެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އެހެން އިންތިޚާބުތަކާ ޚިލާފަށް ބާ ކައުންސިލް އިންތިޚާބުގައި ރިސޯޓުތަކާއި، އިންޑަސްޓްރިއަލް ޒޯން ތަކާއި، ޖަލުތަކުގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
މިހާރު އިންތިޚާބުގެ ބަޖެޓު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އިލެކްޝަނުން އަންދާޒާ ކުރެ އެވެ. ނަމަވެސް ވޯޓު ފޮށި ބަހައްޓަން ޖެހޭ ރަށްތަކުގެ އަދަދު މުޅިން ފައިނަލް ވުމުން އެ އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.