01 Jul 2019, 17:43
ގާނޫނީ ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އަލަން އުފައްދާ ބާ ކައުންސިލްގެ ރައީސް ކަމަށް ކުމަތިލައްވަން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ނިންމަވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ސުއޫދު ވިދާޅުވީ ޖުލައި 13 ވާ ހޮނިހިރު ދުވަހު އޮންނަ ބާ ކައުންސިލް އިންތިޚާބުގައި އެ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.
ޖުލައި 14 ވަނަ ދުވަހު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު ބާއްވަނީ ގާނޫނީ ފަންނުގެ ގާނޫނު ގެ 11 ވަނަ މާއްދާގެ ދަށުންނެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމާއި، ނައިބު ރައީސްކަމާއި، މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ ފަހެއް ވާ ހުކުރު ދުވަހުގެ ހަވީރު 5:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
ބާ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ ޝަރުތުތައް
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން
- ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންގެ ޝަރުތުތައް
ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން