01 Jul 2019, 18:22
ހޮންކޮންގް (ޖުލައި 1): ހޮންކޮންގްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ތެރެއަށް ވަދެފި އެވެ.
ހޮންކޮންގްގައި މިއަދު މުޒާހަރާ ކުރަމުންދަނީ ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލަކާ ދެކޮޅަށާއި ހޮންކޮންގް ޗައިނާގެ ބާރުގެ ދަށަށް ގެންދިޔަ ތާރީހަށް 22 އަހަރު ފުރޭ ދުވަހާ ދިމާކޮށެވެ.
ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލްގެ ބޭރުގައި މުޒާހަރާ ކުރާ ފަރާތްތަކުން އެއިމާރާތަށް ވަނީ ބޭރުގައި ޖަހާފައި ހުރި ބިއްލޫރި، ދަގަނޑު ޓްރޯލީއަކާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ތަޅާލުމަށް ފަހުގަ އެވެ. ނަމަވެސް އެމީހުންނަށް އަދި މަޖިލީހުގެ ޗޭމްބަރުތެރެއަށް ނުވަދެވެ އެވެ.
އެމުޒާހަރާ ކަވަރު ކުރަމުންދާ ރިޕޯޓަރުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި އޭގެ ބަދަލުގައި ފުލުހުން ދަނީ ލައުޑް ސްޕީކަރު ބޭނުންކޮށްގެން މުޒާހަރާ ކުރާ މީހުންނާ ވާހަކަ ދައްކާ، ތަކެއްޗަށް ގެއްލުން ނުދިނުމަށް އަންގަމުން ކަމަށް ބުނެފަ އެވެ.

ހޮންކޮންގްގެ ލެޖިސްލޭޓިވް ކައުންސިލް އިމާރާތުގެ ބޭރުގައި މުޒާހަރާ ކުރަނީ -- ފޮޓޯ: ސީއެންއެން
ނަމަވެސް ހޮންކޮންގެ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ލެޖިސްލޭޓިވް ކައުންސިލަށް ހަމަލާ ދިނުން ކުށްވެރިކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ލެޖިސްލޭޓިވް ކައުންސިލް ކުރިމަތީ ކުރިއަށްގެންދާ މުޒާހާރާއާ ހިލާފަށް، ހޮންކޮންގް ޗައިނާގެ ބާރުގެ ދަށަށް ދިޔަ ތާރީހު ހަނދާންކޮށް، ޑިމޮކްރަސީއަށް ގޮވާލާ މުޒާހަރާ ދަނީ އަމާންކޮށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ހޮންކޮންގްގެ ސަރުކާރުން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅީ، ޓައިވާނުގައި ހުރި ހޮންކޮންގްގެ މީހަކު އޭނާގެ ލޯބިވެރިޔާ މަރާލި މައްސަލައާ ގުޅިގެންނެވެ. އެމީހާ ވަނީ ފަހުން ހޮންކޮންގަށް އައިސްފަ އެވެ. އަދި ޓައިވާނާއި ހޮންކޮންގްއާ ދެމެދު ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން ރަސްމީ އެއްބަސްވުމެއް ހަދާފައި ނުވުމުން، އެމީހާ ޓައިވާނާ ހަވާލު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
އެހެންކަމުން ހޮންކޮންގްއިން ވަނީ އެސިޓީން ކުށްވެރިން ބަދަލު ކުރުމާ ބެހޭ ގޮތުން އެއްބަސްވުމެއް ހަދާފައި ނުވާ ގައުމުތަކާ އެކު ކުށްވެރިން ބަދަލު ކުރުމަށް ފުރުސަތު ދޭނެ ބިލެއް މިދިޔަ ފެބްރުއަރީ މަހު ހުށަހަޅާފަ އެވެ. އެބިލު ފާސްކޮށްފި ނަމަ ހޮންކޮންގްގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާވެސް ހަވާލު ކުރެވޭނެ އެވެ.
މީގެ ކުރިން އެބިލާ ބެހޭ ވޯޓު ނަގަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 20ގަ އެވެ. ނަމަވެސް ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފެށުމުން ހޮންކޮންގްގެ ލީޑަރު ކެރީ ލާމް ވަނީ ބިލު ފާސް ކުރުން ފަސް ކުރަން ނިންމަވާފަ އެވެ.
ނަމަވެސް ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން ދަނީ އެނިންމުމަށް ފަހުވެސް މުޒާހަރާ ކުރަމުންނެވެ. އަދި އެބިލް އެއްކޮށް އުވާލުމަށާއި ކެރީ ލާމް އިސްތިއުފާ ދެއްވުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ގޮވާލަމުންނެވެ.