02 Jul 2019, 08:54
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަތާ ދެ މަސް ދުވަސް ވީއިރުވެސް އޭނާ ރާއްޖެ ނުގެނެވިގެން އުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައާ އެކު މަޖިލީހުގައި އިއްޔެ ހޫނު ބަހުސްތަކެއް ހިނގި އެވެ.
ޝަރީފު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި ގޮތުގައި ލަންކާ އާދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އޮތް އިރު، ލުތުފީ ގެނައުމުގައި ސަރުކާރުން އުޅެނީ ބަހަނާ ދައްކައިގެން އެވެ.
މިއަދުގެ ސަރުކާރުން ލުތުފީގެ މައްސަލައިގައި އަމަލު ކުރަމުން އަންނަނީ ކުރީގެ ސަރުކާރަށް ނުވެ އޮތް ކަމެއް ކުރުމުގެ މަގުސަދުގައި، ނަމަވެސް މި މައްސަލައިގައި އަމަލުކުރަން ޖެހޭނީ ހުކުމެއް ކުރެވިފައިވާ ކުށްވެރިޔަކު އަނބުރާ ގެނައުމުގެ މަގުސަދުގައި ކަމަށް ވެސް އޭނާގެ މައްސަލައިގައި ވިދާޅުވި އެވެ.
އެ މައްސަލައިގައި މުޅި ބަހުސްގެ މަރުހަލާގައި ވެސް އެއް ސަރުކާރުން އަނެއް ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރުން ނޫން ކަމެއް މެންބަރުން ނުކުރެއްވި އެވެ. މިދިޔަ މައްސަލަ ފެންމަތިވެ މިވީ ހަފްތާްއެއްހާ ދުވަހުގެ ތެރޭގައި ފެންނަނީ ވެސް އެ މަންޒަރެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ސިލްސިލާ އެކެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވީ ލުތުފީ މިހާރުވެސް ވީއައިޕީ ފެންވަރުގައި އެމްބަސީގައި ގެންގުޅެމުން އަންނަ ކަމަށާއި، ބޮޑު ކުށްވެރިޔަކު އެހެން ނުގެންގުޅެވޭނެ ކަމަށެވެ.
މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ކަންބޮޑުވުމަކީ ލުތުފީ ގެނައުމުގައި ލަސްތަކެއްވެ، އޭނާ ވީއައިޕީ ފެންވަރުގައި ގެންގުޅުން ކަމަށެވެ. އަދި ލުތުފީގެ މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށާއި، އެއީ ވަކި ކުލައެއް ނުވަތަ ވަކި ޕާޓީއެއްގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ، ލުތުފީ އަނބުރާ ގެނެސް މައާފު ދިނަސް އޭނާގެ މައްސަލައެއް ނެތް ކަމަށާއި، އެހެން ނަމަވެސް މައްސަލައަކީ ލުތުފީ އެމްބަސީއަށް ދިޔަކަން ސަރުކާރުން ހާމަނުކޮށް، އޭނާ ރާއްޖެ ގެނައުން ލަސްކުރުން ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރު ތަމްސީލު ކުރައްވާ އެމްޑީޕީ މެމްބަރުން މައްސަލައިގައި ދެކިވަޑައިގަންވާ ގޮތް ތަފާތެވެ. އެމްޑީޕީ މެމްބަރުން ވިދާޅުވީ އެއީ މި ސަރުކާރުގެ ޕްރޮޖެކްޓުތައް ހުއްޓުވައި، އެޖެންޑާ 19ގެ މަސައްކަތްތަށް ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި، އިދިކޮޅުން ޖައްސާ " ސިޔާސީ ސްޓަންޓެއް" ކަމަށެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މީހަކު ކުރި ކުށަކަށް ދެވޭނީ އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބު، ވަކި ހަމައެއްގެ ތެރެއިން ކަމަށެވެ. އަދި އެކަކުގެ ފަހަތުން މުޅި އުމުރު ދުވަހު އެއް ކަމެއްގައި އުޅެންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެއަށްވުރެ މުހިންމު ގައުމީ މައްސަލަތައް އެބަހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވި ގޮތުގައި ލަންކާގައި ފުލުހުންގެ ބެލުމުގެ ދަށުގައި ލުތުފީ ހުރުމަކީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ. އަދި މިހާރު މައްސަލައަކީ ކޮބައިކަން ވެސް އޭނާއަށް ސާފު ނުވާ ކަމަށާއި، ލުތުފީ ގެނެސް އޭނާއަށް ދޭން ޖެހޭ އަދަބެއް ހަމަ ދޭންވީ ކަމަށެވެ.
ލުތުފީ ފިލި ފަހުން އައި ކޮންމެ ސަރުކާރަކަށް ވެސް އޭނާ ލަންކާގައި ހުރިކަން އެނގޭ ކަމަށާއި، ނަމަވެސް އޭނާ ހޯދައި އަނބުރާ ރާއްޖެ ގެންނަން ކުރީގެ ދެ ސަރުކާރު، ރައީސް ޔާމީން އާއި ރައީސް ވަހީދުގެ ސަރުކާރުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވި އެމްޑީޕީ މެމްބަރުން ވަނީ ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ 2012 އިން ފެށިގެން 2018 އަށް ވެސް ލުތުފީގެ މައުލޫމާތު ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް އަންގަމުން ދިޔަ ކަމަށާއި، ނަމަވެސް ސަރުކާރުތަކުން އެކަމާ އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށެވެ.
ގަރާރު ހުށަހެޅުއްވި މެމްބަރު ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގައި ހުރެ، ލުތުފީ ގެންނަށް މަސައްކަތް ނުކޮށް، ނުވަތަ ލުތުފީގެ މައުލޫމާތު ނޭނގޭ ނަމަ އެކަމާ ލަދުގަންނަ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.
އީވާ ތުހުމަތު ކުރެއްވީ އިދިކޮޅު މެމްބަރުން ލުތުފީގެ މައްސަލަ މަޖިލީހަށް ވެއްދީ ކާނިވަލުގައި ބާއްވަން އުޅޭ ޕީއެންސީގެ ޖަލްސާއަށް މީހުން އެއްކުރުމުގެ މަގުސަދުގައި ކަމަށެވެ.
"ޖަލްސާއަށް މީހުން އެއްކުރަން ވެގެން މިތަނަށް މައްސަލަތައް ލައިގެން މަޝްހޫރު ވާން ވެގެން ސަރުކާރު ފަޟީހަތް ކުރާނަމޭ ހިތާ ދައްކާނެ އިތުރު ވާހަކައެއް ނެތިގެން މިއަދު މައްސަލަ ލައިގެން އުޅެނީ. މިއަދުގެ ސަރުކާރުން ކެނޑިނޭޅި އެބަ މަސައްކަތް ކުރޭ ލުތުފީ މާލެ ގެންނަން،" އީވާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް ވިދާޅުވީ މެމްބަރު ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގައި ހުރި އިރު ލުތުފީގެ މައްސަލަ ކުއްލި މައްސަލައަކަށް ނުވި ކަމަށެވެ. އަދި މިހާރު އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ 19 ދިވެހިންގެ ލޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން ކަމަށް ވިދާޅުވި އެވެ.
ލަންކާ އަކީ ރާއްޖޭގެ ސުޕްރީމް ކޯޓު ނޫން ކަމަށާއި، ބޭނުންވީމާ ފުރާޅުން ޓިނު ނަގައިގެން މީހުން ނުގެނެވޭނެ ކަަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. ލުތުފީގެ މައްސަލަ ފެންމަތިވި އިރު، ލަންކާ އޮތީ ބޮޑު ހާދިސާއެއްގެ ސަބަބުން އެލާޓުގައި ކަމަށާއި، އެފަދަ ހާލެއްގައި އެމީހުންނަށް ލުތުފީގެ މައްސަލަ މުހިންމު ނުވާނެ ކަމަށް މީކާލާއީލް ވިދާޅުވި އެވެ.
"އެހެންވެ ލަސްވީ. އާދަމް ޝަރީފުގެ ސަރުކާރަށް ނުވި ކަމަކީ މި ސަރުކާރުން 14 ދުވަސްތެރޭ ކުރާނެ ކަމެއް،" މި ސަރުކާރުން ލުތުފީ ގެންނާނެ ކަމުގެ ޔަގީންކަން ދެމުން މީކާއިލް ވިދާޅުވި އެވެ.
މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ލުތުފީ މުހިންމު ނޫން ކަމަށާއި، ރައްޔިތުންނަށް މުހިންމީ ބޯހިޔާވަހިކަމާއި، އެޖެންޑާ 19 ގައި ބުނެފައިވާ ކަންތައްތައް ކަމަށެވެ.
ދުވާފަރު ދާއިރާ މެމްބަރު ވިދާޅުވީ އިދިކޮޅު މެމްބަރުން ލުތުފީގެ މައްސަލަ ކުއްލި މައްސަލައަކަށް ހަދައިގެން އުޅެނީ މި ސަރުކާރުން ޖުޑީޝަރީ އިސްލާހުކޮށް، ކުރީގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ބަލާނެކަން ޔަގީންވާތީ އެކަމާ ބިރުން ކަމަށެވެ.
މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ކުރީގެ ސަރުކާރުން ލުތުފީ ގެންނަން އެއްވެސް މަސައްކަތެއް ނުކޮށް، މިހާރު މަޖިލީހަށް މައްސަލަ ލައިގެން އުޅެނީ މި ސަރުކާރުން ލުތުފީ ގެންނާނެ ކަން ޔަގީންވުމުން ކަމަށެވެ.
އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ އާދަމް ޝަރީފް މިނިސްޓަރު ކަމުގައި ހުރެ ލަންކާގައި ލުތުފީ އާ ބައްދަލުކޮށް، ކޮފީއެއްގައި އިން ކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ. އެއަށް ޖަވާބު ދެއްވައި މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އަބްދުﷲ ޝަހީމް ވިދާޅުވީ އެކަމުން ދޭހަވަނީ ލުތުފީ ފޮރުވައިގެން ގެންގުޅުމުގައި ކުރީގެ ސަރުކާރުން އަމަލީ ގޮތުގައި ބައިވެރިވެފައިވާ ކަމަށާއި މިހާރު ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން އަންނަކަން ކަމަށެވެ.
އިއްޔެވެސް މަޖިލީހުން ފެނުނީ ލުތުފީގެ މައްސަލަ ސިޔާސީވެފައިވާ މިންވަރެވެ. އަދި އެ މައްސަލައިގެ ހަގީގީ ހައްސާސް ކަމަށް ބެލުމަށް ވުރެ، ކޮންމެ ބަޔަކުވެސް ބޭނުންވަނީ އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރި ކުރަންކަން ސާފުވެ އެވެ. އެކަމަކު މިއީ ދިވެހި އެތައް ބައެއްގެ އިހުސާސްތަކާ ގުޅިފައި އޮތް މައްސަލަ އެކެވެ. މި މައްސަލަ އެ ވިސްނުމުގައި އެޑްރެސް ކުރެވޭތަނެއް އަދި ނުފެނެ އެވެ.