01 Jul 2019, 16:37
ސަރުކާރުން ހިންގާ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކާ ހަވާލު ކުރުން ނިމުމަކަށް ގެންނަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބާރުއަޅާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އޭސީސީން އެސްއޯއީތަކާ ގުޅޭ މަޖިލީހުގެ ކޮމިޓީއަށް ހާމަކުރި މައުލޫމާތުތަކުގައި ބުނީ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަން ހިންގުމަށް އެންމެ ބޮޑަށް މަގުފަހި ވަނީ ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ދެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅިގެން ކަމަށެވެ.
މާލިއްޔަތު ގަަވައިދުގެ 10 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ސަބަބުން، ބިޑްކުރުމަށް ނެތި އަދި ޓެންޑާ ބޯޑަށް ވެސް ނުގޮސް ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމަށް ފުރުސަތު ލިބޭ ކަމަށް އޭސީސީއިން ބުންޏެވެ. އޭސީސީއިން ފާހަގަ ކުރާ ގޮތުގައި، ޕްރޮޖެކްޓް ސަރުކާރު ކުންފުންޏަށް އެވޯޑް ކުރުމުން ސަބްކޮންޓްރެކްޓް އުސޫލުން އެ މަޝްރޫއު ނުއަގުގައި އެހެން ކުންފުނިތަކަށް ދެ އެވެ. އަދި ބައެއް ފަހަރު ޑޮލަރުން ހަދަން ނުޖެހޭ އެއްބަސްވުންތައް ޑޮލަރުން ފައިސާދޭގޮތަށް ހެދުމަކީ ވެސް މައްސަލައެއް ކަމަށް އޭސީސީއިން ފާހަގަކުރެ އެވެ.
ސަރުކާރު ކުންފުނިތަކުން މިފަދަ މަޝްރޫއުތައް ބޭރުގެ ކުންފުނިތަކަށް ސަބް-ކޮންޓްރެކްޓްތައް ދޭއިރު ފައިސާ ވަދެފައި ހުންނަނީ، ދިވެހި އެޖެންޓެއްގެ އެކައުންޓަށްކަން ފާހަގަވެފައިވާ ކަމަށް ވެސް އޭސީސީއިން މިއަދު ކޮމިޓީގައި ހާމަކުރި އެވެ. އޭގެ ސަބަބުން އެ މަޝްރޫއުތައް ހަވާލުކުރާ ފަރާތާ މެދު އޭސީސީއިން ޝައްކު އުފައްދަ އެވެ.
މީގެ އިތުރުން، ކުންފުނިތަކުގެ ޓެންޑާ ބޯޑްގައި ކަމަށް ގާބިލް ނޫން މުވައްޒަފުން ތިބުމާއި، މަސައްކަތް ކުރެވޭނެ ފެންވަރު ނެތް ކުންފުނިތަކާ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުން ފަދަ ކަންކަން މިކަމުގެ ސަބަބުން ހިނގާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
އޭސީސީއިން މީގެ ކުރިން ވެސް ވަނީ މާލިއްޔަތު ގަވާއިދު އިސްލާހުކޮށް ސަރުކާރު ކުންފުނިތަކަށް ދައުލަތުގެ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުން ނިމުމަކަށް ގެންނަން އެދިފަ އެވެ. މި ސަރުކާރުން ވަނީ އެގޮތަށް މަޝްރޫއުތައް ހަވާލުކުރުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ.