01 Jul 2019, 16:10
ސަރުކާރު ކުންފުނިތަކުގައި ހިޔާނާތަށް މަގުފަހިވާ ގޮތަށް އަދިވެސް އެތައް އުސޫލެއް އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރަން ލަފާދިން ނަމަވެސް އެކަންކަން އިސްލާހުވަމުން އަންނަތަން ނުފެންނަ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލައި މަޖިލީހުގެ ކޮމިޓީއަށް މިއަދު ވަޑައިގެން އެންޓި ކޮރަޕްޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކުންފުނިތަކާ ބެހޭ ގޮތުން އެންމެ ބޮޑަށް ފާހަގަވާ މައްސަލަތަކަކީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި މުވައްޒަފުން ނެގުމުގެ ކަންތައްތަކާއި ސީއެސްއާރު އަދި ސްޕޮންސާގެ ނަމުގައި ކުރާ ހަރަދުތަކުގައި އުސޫލެއް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ނަގުދު ފައިސާއިން ބޮޑެތި އަދަދުތައް ކުންފުނީގެ އެކައުންޓުން ނަގައިގެން ހަރަދުތައް ކުރުމަކީވެސް ފާހަގަވެފައިވާ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއައްވިޒު ވިދާޅުވީ ކުންފުނިތަކުން ވަކި ކަމެއް ކުރަން ބޭނުން ވެއްޖެ ނަމަ، ބޯޑަށް ގެނެސްގެން ގަވާއިދުތަކާއި އުސޫލުތައް އެކި ގޮތްގޮތަށް ބަދަލު ކުރަމުން އަންނަ ކަމަށެވެ. އެފަދަ ހުރިހާ ކަމަކުން ހިޔާނާތަށް މަގުފަހިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް ތަކެތި ގަތުމާއި ހިދުމަތްތައް ހޯދުމުގައި ވެސް މި އުސޫލުން އަމަލުކުރާކަން ފާހަގަވާކަން މުއައްވިޒު ފާހަގަ ކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ، ސީއެސްއާރާއި ސްޕޮންސަޝިޕްގެ ނަމުގައި ސަރުކާރު ކުންފުނިތަކުން ކުރާ ހޭދައަކީ ކުންފުންޏަށް ކިހާ ވަރަކަށް ފައިދާވާ ކަންކަންތޯ ބަލަމުން ނާންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފައިސާތައް ނަހަމަ ގޮތުގައި އިސްރާފުވަމުން އަންނަކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ކުންފުނިތަކުން މުވައްޒަފުން ނެގުމުގައިވެސް ކަންތައްތައް ހިނގަމުން ގޮސްފައިވަނީ ކުންފުންޏަށް އެންމެ ފައިދާވާ ގޮތުގައި ނޫންކަން ފާހަގަ ކުރައްވަމުން މުއައްވިޒު ވިދާޅުވީ މުވައްޒަފުން ނެގުމުގެ ބާރު ސީދާ އެމްޑީގެ އަތުގައި ބޭއްވުން ރަނގަޅު ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް 137 ރެކޮމެންޑޭޝަން ދެވިފައިވޭ އެސްއޯއީ ތަކާ ގުޅޭ ގޮތުން. އެހެން ނަމަވެސް އޭގެ ތެރެއިން އަމަލު ކުރެވެނީ ވަރަށް ވެސް މަދު ކަންތައްތަކަކަށް. އަޅުގަނޑުމެން ހުންނާނެ އަމަލު ނުކުރީމާ ކުންފުނީގެ ވެރިން ގެނެސްގެން ސުވާލުވެސްކޮށްފައި،" މުއައްވިޒު ވިދާޅުވި އެވެ.
ކޮރަޕްޝަނާ ގުޅޭ ގިނަ މައްސަލަތައް ހުށަހެޅެނީ، ސަރުކާރު ކުންފުނިތަކާ ގުޅޭ ގޮތުން އެވެ. އޭސީސީއިން މިއަދު ކޮމިޓީއަށް އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި އެސްއޯއީތަކަށް ތުހުމަތުވާ 548 ކޮރަޕްޝަންގެ މައްސަލައެއް ހުށަހެޅުނެވެ. އޭގެ ތެރެއިން 20 މައްސަލައަކުން 280 ދައުވާއެއް ކުރުމަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
އޭސީސީއިން އިތުރަށް ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އެސްއޯއީ ތަކުގެ މެންޑޭޓްގައި ނުހުންނަ މަސައްކަތްތަކާ ހަވާލުވެ އެ ކަންކަން ކުރުމާއި ކުންފުންޏަށް އާމްދަނީ ނުލިބޭ ވަރަށް ބޮޑެތި ބައެއް ހަރަދުތައް ކުރުން ފަދަ ކަންކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޑޮލަރުގެ ގަތުމުގެ މުއާމަލާތްތައް މާލިއްޔަތު ގަވާއިދުތަކާ ހިލާފަށް ކުރަމުން ދިޔުން ފަދަ ކަންކަން ވެސް ފާހަގަކުރެވޭ އިރު ސަރުކާރު ބައެއް ކުންފުނިތަކުން އެއްވެސް ދުރު ރާސްތާއެއް ނެތި މަސައްކަތް ކުރަމުން ގޮސްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.