ދެހާސް ފަންސަވިސް ވަނަ އަހަރުން ފެށިގެން ހުރިހާ ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން ހުއްޓާލަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެ ބައެއް ކަންކަން ކޮށްދިނުމަށް އެދި މާލޭ ސުކޫލުތަކުގެ ކުދިން މަޖިލީހަށް އިލްތިމާސެއް ހުށަހެޅުއްވީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އެ އިލްތިމާސާ އެކު މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށަހެޅި އެވެ.

އެ ގަރާރު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެގަރާރުގައި ވާގޮތުން 2020 ވަނަ އަހަރު އަންނަން ވާއިރަށް އަޅުގަނޑުމެން ބޭނުން ވަނީ 150 އަދި 500 މިލި ލިޓަރުގެ ފެންފުޅި އުފެއްދުން މަދު ކުރުމަށާއި މަނާކުރަން ފާސްކުރި އެވެ. އަދި ހަމަ މިއާއެކު ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ހޮޅި ފަދަ ތަކެތި މަނާ ކުރުމުގެ އިތުރުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ހޯދައި ސަބްސިޑައިޒް ކުރަން ވެސް ފާސްކުރި އެވެ.

2020 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކުރަންވެސް ގަރާރުގައި ލިޔެފައިވެ އެވެ. އަދި ބަންދުކޮށްފައިވާ މުދާ ރާއްޖެއަށް އެތެރެކުރާއިރު ޕްލާސްޓިކުން ބަންދު ނުކޮށް އެތެރެކުރެވޭނެ ގޮތަކަށް ވިސްނުމަށްވެސް ގަރާރުގައި ހިމަނާފައިވެ އެވެ.

ބޭނުންކުރެވޭ ހުރިާ ޕްލާސްޓިކް ޒިންމާދާރު ގޮތެއްގައި އެއްކޮށް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް ގަރާރުގައި ވަނީ އެދިފަ އެވެ.