ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ ފެނިއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެކަން ޔަގީން ކޮށްދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން މާލޭގެ ގެއެއްގެ ތެރެއަށް ގަދަކަމުން ވަދެ، ޝައިމް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ ޝައިމް ފެނުނީ، ބުރުޒުމަގު މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރެއިން ކަމަށެވެ. އެ ގޭގެ ބޭރުގައި ފުލުހުން ހަރަހާތްތެރިވާތަންވެސް ވަނީ ފެނިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝައިމް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި އޭނާއާ ބެހޭ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

ޝައިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިިދިޔަ މަހު 18 ވަނަ ދުވަހުއެވެ. އަދި އޭރު އޭނާ ހުރީ ބަލާނެ މީހަކު ނުވެގެން ކުޑަކުދިންގެ ހިޔާގެ ދަށުގައެވެ.

ޝައިމް ގެއްލުމާ ގުޅިގެން، ޖެންޑާ މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ނޯޓިސްވެސް ފޮނުވައިފައެވެ.

އެ މައްސަލައިގައި މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ފަހުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.

ޝައިމް ގެއްލުމާ ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.