ދިއްލީ (ޖުލައި 1): އިންޑިއާގެ މުސްލިމު ޕާލިމެންޓު މެމްބަރެއް ކަމަށްވާ ނުސްރަތު ޖަހަން ޖެއިނިޒަމަށް ތަބާވާ ފިރިހެނަކާ ކައިވެނި ކުރުމުންނާއި، ސިންދޫރު ޖަހާ، ކައިވެނި ކުރިކަން ދައްކުވައި ދިނުމަށް މަންގަލް ސޫތުރާ އެޅުމުން އޭނާއަށް މުސްލިމް އިލްމުވެރިން ފާޑު ކިޔައިފި އެވެ.

އިންޑިއާގެ ޕާލިމެންޓުގެ ތިރީގެއަށް މިިދިޔަ މެއި މަހު އިންތިހާބުވި ޖަހަން، ވިޔަފާރިވެރިޔާ ނިކްހިލް ޖެއިންއާ ކައިވެނި ކުރީ މިދިޔަ މަހުގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 25ގައި އޭނާ ވަނީ މެމްބަރުކަމުގެ ހުވާކޮށްފަ އެވެ. އެރަސްމިއްޔާތަށް އޭނާ ދިޔައީ މަންގަލް ސޫތުރާ އަޅައިގެން، ސިންދޫރުވެސް ޖަހައިގެންނެވެ. އަދި ހުވާ ކުރުމަށް ފަހު ވަންދޭ މާތުރަމް ކިޔާފަ އެވެ.

ވަންދޭ މާތުރަމްއަކީ އިންޑިއާގެ ގައުމީ ލަވައިގެ ގޮތުގައި ހިމެނޭ ލަވައެކެވެ. ނަމަވެސް މުސްލިމުންނާ ދެކޮޅު ޝުއޫރުތައް އެލަވައިގެ ހިމެނޭތީ ގިނަ މުސްލިމުން އެލަވަ ކިޔުމަށް ދެކޮޅު ހަދަ އެވެ.

އުއްތަރަ ޕްރަދޭޝްގެ ދީނީ އިލްމުވެރިއެއް ކަމަށްވާ މުފްތީ އަސަދު ކަސަމީ ވިދާޅުވި ގޮތުގައި ޖަހަން އެހެން ދީނެއްގެ މީހަކާ ކައިވެނި ކުރުމަށް ފަހު އޭނާ ވަނީ އިސްލާމް ދީނުގެ ހުރުމަތް ކަނޑާފަ އެވެ. އަދި ވަންދޭ މާތުރަމް ކިޔުމަށާއި ސިންދޫރު ޖެހުމަށާއި މަންގަލް ސޫތުރާ އެޅުމަށް އިސްލާމް ދީން ޖާގައެއް ނުދެ އެވެ.

"އިސްލާމް ދީނުގައި އޮންނަ ގޮތުން މުސްލިމަކަށް ކައިވެނި ކުރެވޭނީ މުސްލިމަކާ. އިސްލާމް ދީނުގައި ވަންދޭ މާތުރަމް އަށާއި މަންގަލްސޫތުރާއަށާއި ސިންދޫރަކަށް ޖާގައެއް ނެތް،" މުފްތީ ނެރުއްވި ފަތުވާއެއްގައިވެ އެވެ.

އަދި އިންޑިއާގެ އެހެން މުސްލިމު އިލްމުވެރިއެއް ކަމަށްވާ މުފްތީ މުކައްރަމް އަހުމަދު ވަނީ ޖަހަންގެ ކައިވެނި ސައްހަ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މުސްލިމުންނާއި ޖެއިނިޒަމްއަށް ތަބާވާ މީހުންވެސް އެކައިވެނި ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އެފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ޖަހަން ވަނީ އޭނާ "އެއްވެސް ދީނެއްގެ، ހަރުކަށި ފިކުރުގެ މީހުންނަށް" ސަމާލުކަން ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ދިރިއުޅެނީ އެމީހަކު ނިސްބަތްވާ ދީނާއި އެހެނިހެން ތަފާތުތަކުގެ ސަބަބުން އެކަހެރި ނުކުރާ، އެއްބައިވަންތަ އިންޑިއާއެއްގައި ކަމަށާއި އޭނާ ހެދުން އަޅާ ގޮތަށް އެހެން މީހަކު ފާޑު ކިޔައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ހުރިހާ ދީނަކަށް އިހުތިރާމު ކުރި ނަމަވެސް، އަޅުގަނޑަކީ އަދިވެސް މުސްލިމެއް. އަދި އަޅުގަނޑު ހެދުން އަޅަން ނިންމާ ގޮތަކަށް އެހެން މީހަކު ފާޑު ކިޔައިގެން ނުވާނެ،" ޖަހަންގެ ޓުވީޓެއްގައިވެ އެވެ.

އަދި ބައެއް ޕާލިމެންޓު މެމްބަރުންނާއި ޖަހަން ނިސްބަތްވާ ޓްރިނަމޫލް ކޮންގްރެސް ޕާޓީން ވަނީ އޭނާ ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ.

މީގެ ކުރިން އެކްޓެރެސްއެއްގެ ގޮތުގައި މަސައްކަތް ކުރި ޖަހަން ޕާލިމެންޓަށް ކުރިމަތިލީ އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތީސް އެވެ. އޭގެ ސަބަބުން އޭނާއަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުންތައް އަމާޒުވި އެވެ. ނަމަވެސް ޖަހަން ޕާލިމެންޓުގެ ގޮނޑި ކާމިޔާބު ކުރީ ގައުމުގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީގެ މެމްބަރަކާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.