01 Jul 2019, 13:16
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ހަލީމާ ޔައުޤޫބް އަދި ބޮޑު ވަޒީރު ލީ ސިއެން ލޫންގް އާ ބައްދަލު ކުރައްވައިފިއެވެ.
ސިންގަޕޫރުގެ ރައީސްގެ ރަސްމީ ގެކޮޅު، އިސްތާނާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް 40 އަހަރަށް ވުރެ ގިނަ ދުވަސްވީ ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
އެގޮތުން ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް، ދެ ޤައުމުގެ އަމަންއަމާން ކަމާއި ހަމަޖެހުން ދަމަހައްޓައި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާ ތިމާވެށީގެ މައްސަލަތައް ފަދަ ދެ ޤައުމަށް ވެސް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިންގަޕޫރު ސަރުކާރުން ރާއްޖޭގެ ހިންގުމާއި ދެމެހެއްޓެނެވި ތަރައްގީއަށް ފަންނީ އެހީތެރިކަން ދިނުމަށް ދެ އަހަރު ދުވަހުގެ ޓެކްނިކަލް ކޯޕަރޭޝަން ޕެކޭޖެއް ހުށަހަޅަން ނިންމާފައިވާކަން ހާމަކޮށްފައިވާތީ ރައީސް ވަނީ އެކަމަށް ޝުކުރު ދަންނަވައިފަ އެވެ.
އަދި ފެނާއި ކުނި މެނޭޖުކުރުމާއި، އާބަން ޕްލޭނިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ސިންގަޕޫރު ސަރުކާރުން ދިން ދައުވަތަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔައިފައެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ އަގު ވަޒަންކުރާކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ދެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ދެ ވަނީ ވައިގެ ދަތުރުފަތުރާ ބެހޭ އެމްއޯޔޫ އަކާއި، ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފަ އެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ދެ ފަރާތަށް ވެސް ފަސޭހަ ތާރީޚެއްގައި ރާއްޖެ ވަޑައިގަތުމަށް ސިންގަޕޫރުގެ ރައީސާއަށް އަދި ބޮޑުވަޒީރަށް ރައީސް ޞާލިހު ދެއްވި ދައުވަތު އެ ދެ ބޭފުޅުން ވެސް ވަނީ ގަބޫލުކުރައްވައިފަ އެވެ.