ކުރީގެ މާލޭ މުނިސިޕަލްޓީ އިން ގަތް "އުފުލި 5" އުޅަނދާއި ހަވާލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު ސިންގަފޫރަށް ވަޑައިގެންފައި ވަނީ މުނިސިޕަލްޓީން ނިންމައިގެން ކަމަށް ބެލެވޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށް ދައުލަތުގެ ވަކީލު އަދި އެސިސްޓެންޓް ޕަޕްލިކް ޕްރޮސެކިއުޓާ ޖެނެރަލް އަބްދުﷲ ރާބިއު މިއަދުގެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މީހަކަށް ނާޖާއިޒް ފައިދާއެއް ހޯދަވައިދެއްވި ކަން ޝަރީއަތަށް ސާބިތުވެ ދޮޅު އަރަށް އަރުވާލުމަށް އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ މުނިސިޕަލްޓީ އަށް ގަތް "އުފުލި 5" ގަތުމަށް ހަމީދާ އެކު އެތާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ އަލީ ރަޝީދު ވެސް ވަޑައިގެންފައިވާ ކަމަށެވެ. އެ ދަތުރު ކުރައްވާފައި ވަނީ މުނިސިޕަލްޓީގެ ވެރިއެއްގެ ހުއްދައަކާއިނުލައި ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.

އަދި އައިލެންޑް ލޮޖިސްޓިކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ދައްކާފައިވާ ކަމަށާއި ފައިސާ ދެއްކި ލިޔުމުގައި ސޮއިކުރައްވާފައި ވަނީ ހަމީދު ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.

"ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް އުޅަނދާއި ހަވާލުވެފައިވާތީ ދައުލަތުން ދައުވާކުރަނީ،"ރާބިއު ވިދާޅުވި އެވެ.
ރާބިއު ވިދާޅުވީ އެ އުޅަނދު ގަތުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އުޅަނދާ ހަވާލުވާން ޖެހޭނީ މާލޭ ބަނދަރަށް އުޅަނދު ގެނައުމުން ކަމަށެވެ.

އަދި އުޅަނދާއި ހަވާލުވުމަށް އެއްބަސްވުމުގައިވާ އުސޫލު ބަދަލުކުރި ކަމުގެ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށް ވެސް ރާބިއު ވިދާޅުވި އެވެ.

ރާބިއުގެ ވާހަކަތަކަށް ރައްދުދެއްވަމުން ހަމީދުގެ ގާނޫނީ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ ދައުލަތުން އެ ލިޔުންތައް ނެތް ކަމަށް ބުނަނީ ލިޔުންތައް ފޮރުވާލުމަށް ފަހު ކަމަށެވެ.

ފާއިޒު ވިދާޅުވީ އެ ކޮޅުވެއްޓި ގެނައުމަކުން ހަމީދަށް ވެސް އަދި އެހެން މީހަކަށް ވެސް ނާޖާއިޒް ފަދާއެއް ލިބިފައި ނުވާނެ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާނޫނު ނުބައިކޮށް ތަރުޖަމާކޮށްގެން ކުރި ހުކުމެއްކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓުގެ ޝަރީއަތަށް އޭސީސީގެ ކުރީގެ ތިން މެންބަރުން ކަމަށްވާ އަލީ ރަޝީދު އުމަރު، ހަސަން ލުތުފީ އަދި އަބްދުﷲ އާދަމް ހާޒިރުކޮށްދެއްވުމަށް އެދުމުން ވެސް ކޯޓުން އެ ފުރުސަތު ދެއްވާފައިނުވާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

އެ ބޭފުޅުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރައްވަނީ ކޮން ބޭނުމަކުތޯ ހައިކޯޓުގެ ފަނޑިޔާރު ސުވާލު ދެންނެވުން ފާއިޒު ވިދާޅުވީ އެ ބޭފުޅުން ހާޒިރުކުރަން ބޭނުން ވަނީ އެ ތަހުގީގަކީ އޭސީސީން ކުރި ތަހުގީގެއް ނޫން ކަމަށް ސާބިތުކޮށް ދިމުނަމަށް ކަމަށެވެ.

ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވީ އެ ތަހުގީގަކީ އޭސީސީ އިން ކޮށްފައިވާ ތަހުގީގެއް ކަމަށާއި އޭސީސީން ޕީޖީއަށް ފޮނުވާފައިވާ ސިޓީތަކާއި ތަހުގީގު ނިންމި ރިޕޯޓުން އެ ތަހުގީގަކީ އޭސީސީން ކޮށްފައިވާ ތަހުގީގެއްކަން އެއްވެސް އޮޅުމެއްނެތި އެނގޭ ކަމަށެވެ.

އަދި ތަހުގީގު ނިންމި ރިޕޯޓު ޕީޖީ އަށް ހުށަހެޅުމަށް ނިންމާފައި ވަނީ އޭސީސީގެ ހަތަރު މެންބަރުން ބައިވެރިވެ ބޭއްވި ބައްދަލުވުމަކުން ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގެ ނިޔާ ކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލީސް ހުކުރު ނޫނީ ހޮނިހިރު ދުވަހު ބާއްވަން ޖެހިދާނެ ކަމަށެވެ.