ކޮލަމްބޯ (ޖުލައި 1): ސްރީލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަހަމަސިންހަ ވިދާޅުވެއްޖެ އެވެ.

ވިކްރަމަސިންހަ އެފަދައިން ވިދާޅުވީ، ލަންކާގައި މަރުގެ އަދަބު ނުދޭތާ 43 އަހަރު ފަހުން އަނެއްކާވެސް އެހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވި ފަހުންނެވެ.

މިދިޔަ މަހުގެ 26ގައި ސިރިސޭނާ ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހަކަށް ވަރަށް އަވަހަށް މަރުގެ އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުން ވަނީ މިހާރު ހުކުމް ތަންފީޒު ކުރުމަށް ދެ ޖައްލާދުން އައްޔަންކޮށްފަ އެވެ.

"ޕާލިމެންޓުގައި ތިބި ހަތަރު ޕާޓީއަކާ އަޅުގަނޑު މަޝްވަރާކޮށްފިން. އެޕާޓީތަކާއި އަޅުގަނޑާއި އަޅުގަނޑުގެ [ޔުނައިޓެޑް ނެޝަނަލް] ޕާޓީންވެސް މަރުގެ އަދަބު ދިނުމާ ދެކޮޅު،" ވިކްރަމަސިންހަ ވިދާޅުވި އެވެ.

އެއީ ވިކްރަމަސިންހަ އާއި ސިރިސޭނާއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިރިސޭނާ ކުއްލި ގޮތަކަށް ވިކްރަމަސިންހަ މަގާމުން ދުރުކޮށް، ގާނޫނު ހަދާ މަޖިލިސް އުވާލުމުން މުޅި ގައުމު ހަލަބޮލިވެގެންދިޔަ އެވެ. އޭގެ ފަހުން، ރައީސް މަޖިލިސް އުވާލެއްވީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ވިކްރަމަސިންހަ އަނެއްކާވެސް ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރި އެވެ.

ލަންކާގައި މީހުން މެރުމަށާއި ރޭޕް ކުރުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުތަކުން މަރަން ހުކުމް ކުރި ނަމަވެސް، 1976ގެ ފަހުން އެހުކުމް ތަންފީޒެއް ނުކުރެ އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ދޭން ފަށަނީ ލަންކާގައި ގަވާއިދާ ހިލާފު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކަ އެވެ. އަދި އެ ގައުމުގައި ތިބި 24،000 ގައިދީންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ހައްޔަރު ކޮށްފައިވާ މީހުންކަން ފާހަގަ ކުރައްވާފަ އެވެ.