އައްޑޫ ސިޓީގެ މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ތަރައްގީކުރާ ރިސޯޓު މި އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އައްޑޫ އަތޮޅުގެ ހުޅަނގު އުތުރުގައި އޮންނަ އިސްމެހެލާ ހެރައިގައި ތަރައްގީކުރާ ރިސޯޓުގެ ނަމަކީ ސައުތު ޕާމް ރިސޯޓެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން މި ރިސޯޓަށް ސްޕީޑްބޯޓުގައި 10 މިނިޓެއްހާ ވަގުތުން ދަތުރުކުރެވެއެވެ.

ދެހާސް ފަނަރަވަނަ އަހަރު ތަރައްގީކުރަން ފެށި ރިސޯޓުގެ މަސައްކަތްތައް ނިމުމާ ގާތަށް ގޮސް ހުޅުވަން ތައްޔާރުވެފައިވާ އިރު، އެ ރިސޯޓުގައި 130 ވިލާ ހުރެއެވެ. އޭގެ ތެރޭގައި 30 ވޯޓާވިލާ ހުރެއެވެ.

ސައުތު ޕާމް ބީޗު ރިސޯޓު ތަރައްގީކޮށްފައިވަނީ ކާބޯތަކެތީގެ ތިން އައުޓްލެޓާ އެކުގައެވެ. އެއީ އެ ރިސޯޓުގެ މައި "ބެންޔަން ރެސްޓޯރަންޓް"އާއި، ދެ ބާއެކެވެ.

މީގެ އިތުރުން "ކުރުނބާ ސްޕާ"ގެ ނަމުގައި އެ ރިސޯޓުގައި ސްޕާއެއްވެސް ވަނީ ތައްޔާރުކޮށްފަ އެވެ.

އައްޑޫ އަތޮޅު އިސްމެހެލާ ހެރައިގައި - ސައުތު ޕާމް ރިސޯޓު -- ފޮޓޯ/ ސައުތު ޕާމް ރިސޯޓު

އައްޑޫ އަތޮޅު އިސްމެހެލާ ހެރައިގައި - ސައުތު ޕާމް ރިސޯޓު -- ފޮޓޯ/ ސައުތު ޕާމް ރިސޯޓު

މި ރިސޯޓަކީ އައްޑޫ ސިޓީގައި ހުޅުވާ ހަތަރުވަނަ ރިސޯޓެވެ. އެ ސިޓީގައި މިހާރު ހުރި ރިސޯޓުތަކަކީ ހެރެތެރޭގައި ހުންނަ ކެނަރީފް ރިސޯޓް މޯލްޑިވްސް، ވިލިނގިލީގައި ހުންނަ ޝަންގްރިލާ ވިލިނގިލި އަދި ގަމުގައި ހުންނަ އީކުއޭޓާ ވިލެޖެވެ.