ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގަން ހާއްސަ ގާނޫނެއް ހެދުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

"ދިވެހިރާއްޖޭގެ ގައުމީ ޗެމްބަރު އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ" ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.

ޖުމްލަ 57 މާއްދާއެއް ހިމެނޭ އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބުގެ ގޮތުގައި އެ ބިލްގައި ބުނެފައި ވަނީ، ދިވެހި ވިޔަފާރިތަކުގެ ފަރާތުން ސަރުކާރާއި ބައިނަލްއަގުވާމީ އެކި އެކި ފަރާތްތަކާ މުއާމަލާތްކުރުމާއި އާންމުގޮތެއްގައި ދިވެހި ވިޔަފާރިތައް، ތަމްސީލުކުރާނޭ މިނިވަން ޝަހުސެއް ގާނޫނަކުން އުފެއްދުމެވެ.

މީގެ އިތުރުން، މިހާރު ގާނޫނެއް ނެތުމުން ދިމާވާ ދަތިތައް ހައްލުކުރުމާއި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ ގެ ނަމުގައި ހިންގާ ޖަމިއްޔާއާއި އެ ޖަމިއްޔާއިން ކުރިއަށް ގެންދެވޭ އެންމެހާ މަސައްކަތްތައް ގާނޫނުގެ ތެރެއަށް ގެނެސް، ގާނޫނުން ބަލައިގަތުމާއި، ދިވެހި ވިޔަފާރީގެ ވެއްޓަށް އިތުރު ހަރުދަނާކަން ގެނައުމަށް އެހީތެރިވެދިނުމަކީ ވެސް އެ ބިލް ހުށަހެޅި މަގުސަދުގެ ގޮތުގައި ބުނެފައިވެ އެވެ.

އެ ބިލްގައިވާ ގޮތުގައި، ބިލް ގާނޫނަކަށް ވެ އަމަލު ކުރަން ފެށުމާ އެކު، މިހާރު އޮންނަ "ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ" ގެ ނަން، "ދިވެހިރާއްޖޭގެ ގައުމީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް"އަށް ބަދަލުވާނެ އެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނަމުގައި މިހާރު ހުރި ހަރުމުދަލާއި ލިޔެކިޔުންތަކާއި ދަރަނިވެސް އާ ޖަމިއްޔާއަށް ބަދަލުވާނެ އެވެ.

އެ ބިލްގައިވާ ގޮތުން، ޗެމްބަރު އޮފް ކޮމާސްއަކީ އަމިއްލައަށް ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ގާނޫނީ ސަހުސެކެވެ. އަދި އެ ޗެމްބަރަށް ގާނޫނުގެ ތެރެއިން ބޮޑެތި މަސައްކަތްތަކެއް ވެސް ހަވާލު ކުރެ އެވެ. އެގޮތުން ރާއްޖޭގައި ހުރި ހުރިހާ ވިޔަފާރިތަކުގެ ދަފްތަރު ބެލެހެއްޓުމާއި ސާޓިފިކޭޓް އޮފް އޮރިޖިން ހަދައިދިނުން އަދި ޓްރޭޑް ފެއާތައް ހިންގުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

ގާނޫނުގެ ދަށުން ޗެމްބަރު ހިންގުމަށް ޓަކައި ރައީސް އަކާއި ދެ ނައިބު ރައީސުން އަދި އާންމު ހަތް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލެއް ހިމެނޭ ގޮތުން ހަތް މެންބަރުންގެ ގަވަނިން ބޯޑެއް އެކުލަވާލާނެ އެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ މީގެ ކުރިން ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި އޮތް ނަމަވެސް މިފަހުން އެ ޖަމިއްޔާ ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ. އަދި އެ ޖަމިއްޔާ ހިންގަމުން އަންނަނީ ނައިބު ރައީސް އަހުމަދު އާސިފް އެވެ. ނަމަވެެސް މިފަހުން އޭނާ ވަނީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.