ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ކުރައްވަނީ ކޯޓްތައް ބޭނުންކޮށްގެން އަލުން ވެރިކަމަށް ވަޑައިގަތުމަށް ކަމަށް އެމްޑީޕީން ބުނެ، ސަރުކާރުން އެންޑޯސްކޮށް ބޭރުގެ މިޝަންތަކަށް ފޮނުވި ލިއުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސްގެ ]ޕީޕީއެމް[ އިން ރައްދު ދީފި އެވެ.

ޕީޕީއެމް ވަގުތީ ސެކެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ބޭރުގެ މިޝަންތަކަށް ފޮނުވި ލިއުމަކީ ހަގީގަތާ ހިލާފަށް ލިޔެފައިވާ ލިއުމެއް ކަމަށާއި ނަސީމްގެ އެލިޔުމުގެ ސަބަބުން އެމްޑީޕީގެ މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ހިގައްޖެ ކަމަށެވެ.

"ދޮގު ހެދުމާއި ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ހަގީގަތް އޮޅުވާލަން ކުރާ މިފަދަ ކަންތައްތަކަކީ އެމްޑީޕީ ވެއްޓުމުގެ އަލާމާތްތައް. އެމްޑީޕީ މިހާރު އެ އޮތީ އައިސީޔޫގައި،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ފޮރިން މިނިސްޓަރުގެ އެ ލިޔުމާ އެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކާ ހަވާލާދީ ބޭރުގެ މިޝަންތަކަށް ފޮނުވާފައިވާ ލިޔުމުއްގައި ރާއްޖޭގެ ޖުޑީޝަރީގައި ތިއްބެވި ފަޑިޔާރުންނަކީ މައުމޫން ހޮއްވަވާފައި ތިބި ފަޑިޔާރުންތަކެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުން ޖުޑީޝަރީގައި ތިއްބެވީ ރައީސް ނަޝީދު ހޮއްވަވާފައިވާ ފަނޑިޔާރުންތަކެއް ކަން ވެސް އެނގޭނެ ކަމަށެވެ.

މުންދު ވިދާޅުވީ އެ ލިޔުމުގައި އެމްޑީޕީގެ އެކްޓިވިސްޓުން ސުލްހަވެރިކަމާ އެކު ރައީސް މައުމޫނާ ބައްދަލުކުރަން ދިއުމުން އެމީހުންނަށް ހަމަލާދީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ސިކުނޑި މަސައްކަތް ނުކުރާ ކަމަށާއި އެ ޒުވާނާގެ އެއްފަޅި ވާވެފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެމްޑީޕީން ކުރީ ކިހާވަރެއްގެ ސުލްހަވެރި މުޒާހަރާއެއް ކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެންދެރިމާގެ ކައިރީގައި ޖަރީމާތައް ފުރަތަމަ ހިންގީ އެމްޑީޕީން ކަން ދައްކުވައިދޭ ވީޑިއޯ ފުޓޭޖްތައް މީޑިއާތަކުގައި އާއްމުކުރި ކަމަށް މުންދު ވިދާޅުވި އެވެ. އަދި ޒަހަމްވި ޒުވާނާގެ ހާލުވެސް މީޑިއާތަކުން ވެސް އާއްމުކޮށްފައިވާ ކަމަށާއި އެއްވެސް އާއިލާއަކާ ބެހޭ ގޮތުން ދޮގު ހަބަރުތައް ފެތުރުމުގެ އެއްވެސް ހައްގެއް އެމްޑީޕީ އަކަށް ނޯންނާނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
"އެ ލިޔުމުގައި ބުނެފައި ވަނީ އެ ޒުވާނާއަކީ އެމްޑީޕީގެ ޕްރޮޓެސްޓެއް ކަމަށް. އެކަމަކު ތަފާތު ގޮތްގޮތަށް އެވާހަކަ އެބަދެކެވޭ. މީޑިއާތަކުން އެއްފަހަރެއްގައި ބުނީ އެއީ އެތާ ކުޅިބަލަން ހުރި ކުއްޖެކޭ. އެމްވީޔޫތު އިން އަޅުގަނޑުމެންނަށް ފޮނުވި ބަޔާނެއްގައި ބުނެފައި އެބައޮތް އެ ކުއްޖާއަކީ އެމީހުންގެ މުވައްޒަފެއް ކަމަށާއި އެކުއްޖާ ދިޔައީ މީޑިއާ ކަވަރޭޖް ހަދަން ކަމަށް،"

މުންދު ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ހަގީގަތް ސިއްރުކުރަން ދޮގު ލިޔުންތަކެއް ބޭރުގެ ޑިޕްލޮމޭޓުންނަށް ފޮނުވިޔަސް ހަގީގަތް އޮޅުވައި ނުލެވޭނެ ކަމަށާއި މުޒާހަރާތަކުގައި ހިނގާ ހުރިހާ ކަމެއްގެ ވީޑިއޯ އާއި ހަބަރު ޔޫޓިއުބް އަދި ރިއަލް ޓައިމް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް އެ ބޭފުޅުން ދެއްވާ ކަމަށެވެ.

"ބޭރުގެ ޑިޕްލޮމެޓިކްތަކަށް ޔޫޓީއުބާއި ރިއަލްޓައިމް މެދުވެރިކޮށް ހުރިހާ މައުލޫމާތެއް އަޅުގަނޑުމެން ދެން. ބޭރުގެ ޑިޕްލޮމެޓިކް ބޭފުޅަކު އަޅުގަނޑަށް ގުޅާފައި ވިދާޅުވީ މުންދު އޭ މިއޮތީ ފޮރިން މިނިސްޓަރާއި އެމްޑީޕީން ފޮނުވި ލިއުމޭ. މީގައި މިވަނީ ހުސް ދޮގު ދޯ އޭ. މުންދުމެން އަޅުގަނޑުމެންނަށް އެ ދުވަހުގެ މައުލާމާތު ދެއްވީން ނޫންތޯ އޭ،" މުންދު ވިދާޅުވި އެވެ.

މުންދު އިތުރަށް ވިދާޅުވީ ފޮރިން މިނިސްޓަރުގެ ލިއުމާ އެކު މޫސާ މަނިކާ ހަވާލާދީ ފޮނުވާފައިވާ ލިއުން ފޮނުވާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ފޮރިން މިނިސްޓަރުގެ އެ އަމަލު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.