ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހާލަތަށް ބަލައި، އޭނާއަށް މައާފު ދިނުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ގޮވާލައްވައިފި އެވެ.

ދެހާސް ދިހަވަނަ އަހަރުން ފެށިގެން ސްރީލަންކާގައި ފިލައިގެން އުޅެމުންދާ ލުތުފީ، މި އަހަރުގެ މެއި އެއްވަނަ ދުވަހުން ފެށިގެން އުޅެމުން ދަނީ ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީގަ އެވެ. ސަބަބަކީ އޭޕްރިލް މަހުގެ ފަހުކޮޅު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާއަށް ފަހު، އެގައުމުގެ ސަލާމަތީ ބާރުތަކުން މީހުން ދިރިއުޅޭ ހުރިހާ ގެތައް ފާސްކޮށް، ގާނޫނާ ހިލާފަށް އެގައުމުގައި އުޅޭ މީހުން ހައްޔަރުކުރުމަށް އޮޕަރޭޝަނެއް ފެށުމުންނެވެ.

ލުތުފީ އެގައުމުގައި އުޅެމުން ދިޔައީ ގަވައިދާ ހިލާފަށެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މިވަގުތު ވެސް ހުރި ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ލުތުފީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ލުތުފީއަކީ 70 އެއްހާ އަހަރު ވެފައިވާ މުސްކުޅި، ބަލި މީހެއް ކަމަށެވެ.

"އޭނާ ޖަލުގައި ގިނަ ދުވަސްތަކެއް ހުކުމުގައި ހޭދަކޮށްފި. އަޅުގަނޑަކަށް ނުފެނޭ އެއްގޮތަކަށް ވެސް ދިވެހި ސަރުކާރުން ބޮޑު ޚަރަދު ކޮށްގެން އޭނާ ދެން މިތަނަށް ގެންނާކަށް. އޭނާއަށް މައާފު ދޭންވީ. އޭނާއާ އެއްކޮށް، އެއް ކުށެއްގައި ބައިވެރިވި މީހަކު މައާފު ދީގެން ނުވަތަ މުއްދަތު ހަމަވެގެން މިހާތު އޮތީ މިނިވަންވެފައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ނޮވެމްބަރު 3ގެ ތަހުގީގަށް އޭނާ ވެސް ގެންދިޔަ ކަމަށާއި، އޭރު ލުތުފީމެން ތަހައްމަލުކުރި އަނިޔާ އޭނާއަށް ފެނިފައިވާ ކަމަށެވެ.

"އޭނާގެ އަނގައަށް ބޫޓު ވެއްދިތަން ދުށިން. ލޮލަށް އިނގިލި ހެރިތަން ދުށިން. ދެން ތިބި މީހުންނަށް ހެދި ގޮތާއި، އިދިފުށަށް ބިޑި އަޅުވައި ތަޅަމުން ތަޅަމުން ގެންދިޔަތަން ދުށިން. މިއީ މީހަކު ބުނި ވާހަކައެއް ނޫން، އަޅުގަނޑަކީ ތަހުގީގަށް ސުވާލުކުރަން ގެންދިޔަ މީހެއް،" ލުތުފީއަށް ކުރި ޝަރީއަތް އިންސާފުވެރި ނޫންކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވި އެވެ.

ގާތްގަނޑަކަށް އަށް އަހަރު ވަންދެން އަމިއްލަ ގައުމަށް ނާދެވި ހުރުމަކީ "ޖަލެއްގައި އުޅެން ޖެހުން ކަހަލަ ކަމެއް"ގެ ގޮތުގައި ޝަރީފް ސިފަ ކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ ނޮވެމްބަރު 3ގައި 19 ދިވެއްސަކު ޝަހީދުކުރި ވާހަކަ ދެކެވޭ ނަމަވެސް، އެއިން އެއްވެސް މީހަކު ޝަހީދުކޮށްލީ ސީދާ ލުތުފީކަން އެނގެން ނެތް ކަމަށެވެ. ޕްލޮޓް ޖަމާއަތާ ބައިވެރިވެގެން ބަގާވާތްކުރުމަށް އޭނާ ރާއްޖެ އައި ނަމަވެސް، އެއީ ސީދާ މީހުން މެރު މީހެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

"އުމުރުން 70 އަހަރު ވެފައިވާ މުސްކުޅިއަކު، ބަލި މީހަކު، ކެންސަރުގެ ބަލި ހުރި މީހަކާ ނުނެއްޓިގެން މި އުޅޭނީ ކީއްވެގެންތޯ، މިއީ އުފެދޭ ސުވާލެއް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އޭނާ ގޮވާލައްވަނީ ލުތުފީއަށް މައާފު ދިނުމަށް ކަމަށެވެ.

"އޭނާ ޖަމުގައި ހޭދަކުރި މުއްދަތާއި ބާކީ އޮތް މުއްދަތާއި، އޭނާއަށް ހުކުމް ކުރެވުނު ގޮތާއި މި ހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތްކުރުމަށް ފަހު އޭނާއަށް މައާފު ދިނުމަކީ އެންމެ ރަނގަޅު، އެންމެ މާތް ގޮތް،" ޝަރީފް ދިވާޅުވި އެވެ.

މީހަކު ކުށެއް ކުރީތީ އަބަދާއި އަބަދު ބަދަލު ހިފަން އުޅެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ލުތުފީ ރާއްޖެ ގެނައުމަކީ "މި ގައުމުގައި އެންމެ ބޮޑު މަސައްކަތް ކަމަށް ހީކޮށް އެންމެންނަށް ނުނިދިގެން އުޅެނީ" ކީއްވެގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.