01 Jul 2019, 10:19
މަޝްހޫރު ކަމާއި ދުނިޔަވީ އުފާތަކުގެ ތެރެއަށް ގެއްލި އިސްލާމް ދީނާއި ދުރަށް ދެވޭ ކަމުގެ ބިރު ހީވެ، ޒުވާން ބަތަލާ ޒާއިރާ ވަސީމް ފިލްމީ ދާއިރާ އާއި ދުރަށް ދާން ނިންމައިފިއެވެ.
ކަޝްމީރަށް އުފަން 18 އަހަރުގެ އެކްޓަރު ބޮލީވުޑަށް ތައާރަފުވީ ކާމިޔާބު ފިލްމު 'ދަންގަލް' އިންނެވެ. އެ ފިލްމުން ޤައުމީ އެވޯޑު ވެސް ހޯދައިފައިވާ ޒާއިރާ ވަނީ އެއަށްފަހު ފިލްމު 'ސީކްރެޓް ސުޕަސްޓާ' އިން ވެސް ގިނަ އެވޯޑުތަކެއް ހޯދައިފަ އެވެ.
ޒާއިރާ އަކީ ގިނަ ބަޔަކު ބޮޑު އުންމީދުތަކެއް ކުރާ ފަންނާނެކެވެ. އެގޮތުން ޒާއިރާ އުމުރުން ހަގު ނަމަވެސް، ފުންނާބު އުސް ފަންނާނުންނާ އެއް ހަަމައެއްގައި ފައިތިލަ ސާބިތުކޮށްފައިވާ ކަމަށް ވެސް ގިނަ ބަޔަކު އިއްތިފާގުވެ އެވެ.
ނަމަވެސް ޒާއިރާ މިވަނީ ފިލްމީ ދާއިރާ އަކީ އޭނާއަށް އެންމެ އެކަށީގެންވާ ދާއިރާ ނޫން ކަމަށް ބުނެފަ އެވެ. ޒާއިރާ ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ ފިލްމީ ދުނިޔެ އާއި އިސްލާމް ދީނާއި ފުށޫއެރުން ތަކެއް ހުރި ކަމަށާއި އެހެންކަމުން އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރަނީ އެންމެ އުފަލުން ނޫންކަމަށެވެ.
"އަހަރެން މި ދާއިރާއަށް ރަނގަޅަށް ފިޓުވި ނަމަވެސް، އަހަރެން ނިސްބަތްވަނީ މިތަނަކަށް ނޫން،" ޒާއިރާ ބުނެފައިވެއެވެ.
ފަސް އަހަރު ކުރިން ފިލްމީ ދާއިރާއަށް ނުކުތް އިރު ކާމިޔާބާއި ނާކާމިޔާބީގެ މާނަ ނޭނގޭ ކަމަށާއި އެހެން ނަމަވެސް މިހާރު ވިސްނޭ ކަމަށް ޒާއިރާ ބުންޏެވެ. ޒާއިރާ ބުނީ ފާއިތުވި ފަސް އަހަރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ މީހާގެ އެހެން “އައިޑެންޓިޓީ" އެއް އުފައްދަން ކަމަށެވެ.
ފިލްމީ ދާއިރާގެ ސަބަބުން އޭނާއަށް ލޯތްބާއި އިހްތިރާމު ލިބުނު ނަމަވެސް، ދީނާއި މަޑުމަޑުން ދުރުވެވެވުން ދިޔަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާ ކަމަށް ޤަބޫލުކޮށް ކުރިއަށް ދިޔަ ކަމަށެވެ.
"އެކަމަކު އަހަރެންގެ ހަޔާތުން ހުރިހާ ބަރަކާތެއް ގެއްލިގެން ދިޔަ. ހަމައެކަނި އުފާވެރިކަމެއް ނޫން، ނަފްސުގެ ހަމަޖެހުން ވެސް ގެއްލިގެން ދިޔަ،" ޒާއިރާ ބުންޏެވެ.
އަދި ވަގުތު ޖެހުމުން ކަންކަން ރަނގަޅު ކުރެވޭނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީގެން، ދީނާއި ފުށޫއަރާ މާހައުލެއްގައި މަސައްކަތް ކުރަމުން ދިއުމުން، އީމާންތެރިކަން ހަރުދަނާކޮށް، ހެއްދެވި ފަރާތާއި ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ވެސް ނާކާމިޔާބުވި ކަމަށެވެ.
އެހެންކަމުން ޤުރުއާނުގެ އަލީގައި އޭނާގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ހޯދަން ފެށީއެވެ. އަދި މަޑުމަޑުން ދުނިޔެއަށް ލޯހުޅުވި، ދިރިއުޅުމުގެ މަގްސަދު ވިސްނި، ހިތާއި ސިކުނޑިއަށް ލުއިވާން ފެށި ކަމަށެވެ. އަދި އަލި މަގު ފެނިގެން ދިޔަ ކަމަށެވެ.
ޒާއިރާ ބުނީ ދުނިޔޭގައި ކާމިޔާބު ވާނީ، ދުނިޔެއަށް ފޮނުއްވި މަގުސަދު ހާސިލް ކުރުމަށް މަސައްކަތް ކުރުމުން ކަމަށާއި، ވަރަށް ގިނަ މީހުންނަށް އެ މަގުސަދު އޮޅިފައި ނުވަތަ ހަނދާން ނެތިފައިވާ ކަމަށެވެ.
"އަމިއްލަ ނަފްސާ ހަނގުރާމަކޮށް އަހަރެން މިހާރު ވަރުބަލިވެއްޖެ. ދިރިއުޅުމަކީ ވަރަށް ކުރު އެއްޗެއް. އެކަމަކު އަމިއްލަ ނަފްސާ ހަނގުރާމަ ކުރާ ނަމަ އިންތިހާއަށް ދިގު އެއްޗެއް. އެހެންކަމުން އަހަރެން މިއަދު މި ނިންމީ ފިލްމީ ދާއިރާއިން ދުރަށް ދާން،" ޒާއިރާގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.
ޕޯސްޓު ނިންމާލަމުން ޒާއިރާ ބުނެފައިވަނީ، އެއީ މާ މާތް މީހަކަށް ވުމަށް އޭނާ ކުރާ ކަމެއް ނޫން ކަމަށާއި، އެއީ މުޅިން އައު ފެށުމަކަށް އޭނާ ނިންމި ނިންމުމެއް ކަމަށެވެ.
ޒާއިރާ ފިލްމީ ދާއިރާއިން ދުރަށް ދާން ނިންމި އިރު، އޭނާގެ އިތުރު ފިލްމެއް ވެސް ކުރިއަށް އެބަ އޮތެވެ. އެއީ ޕްރިޔަންކާ ޗޯޕްރާ އަދި ފަރްހާން އަކްތަރު އާއެކު މިހާރު މަސައްކަތް ނިމިފައިވާ ފިލްމު 'ދަ ސްކައި އިޒް ޕިންކް' އެވެ.