ނޮވެމްބަރު ތިނެއްގެ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަދިވެސް ރާއްޖެ ނުގެނެވިގެން އުޅޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަންނަން 69 މެންބަރުން ވޯޓް ދެއްވި އިރު، އެއް މެންބަރަކު ވޯޓްގައި ބައިވެރި ނުވެ އިންނެވި އެވެ.

އޭނާ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ، އަބްދުﷲ ލުތުފީ އަކީ 19 ދިވެހިން ޝަހީދު ކޮށްލާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލައި ފިހާރަތައް ލޫޓުވައި މުދާ ފޭރި، އަދި ހުވަފަތްވެ އަދި ޔަތީމްވެފައިވާ އެތައް ރައްޔިތުންގެ ހިތުގެ އިހްސާސްތަކާއި ގުޅިފައިވާ ލުތުފީ ހައި ކޮމިޝަންގައި ދިރިއުޅޭތާ އެއް މަހާއި 24 ދުވަސް ފަހުން ފުލުހުން ބަޔާން ނެރެ، އެކަން ކަށަވަރުކޮށްދިން ކަމަށެވެ.

އޭގެ ފަހުން 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމުގެ މައުލޫމާތު ދިނުމަށް ފަހު އަދިވެސް އޭނާ ރާއްޖެ ގެނެވިފައި ނުވުމާއި ފޮރިން މިނިސްޓްރީގެ ބަޔާންތަކުން އޭނާ ގެނައުމުގެ ހުރަސްތަކެއް ހުރި ކަމަށް ބުނެ އުޒުރު ދައްކާ ކަމަށް ވެސް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އެ މައްސަލައިގައި އިތުރަށް ބުނީ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގައި ސަރުކާރުން އުޒުދައްކަމުން ދާ ކަމަށާއި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުންފިލުވައި ދިނުމުގެ ބަދަލުގައި ފުލުހުންގެ ފަރާތުން ވެސް ފެނިގެން ދަނީ ޒިންމާ އިން ރޭކޭ ތަން ކަމަށް އެ މައްސަލައިގައިވެ އެވެ.

ފިލައިގެން ލަންކާގައި ދިރިއުޅެމުން ދިޔަ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވީ، މޭ 1 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީ އާއި ފުލުހުން ވެސް މީގެ ކުރިން ބުނެފައިވެ އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްވި ޕްރެސްކޮންފަރެސްގައި ވިދާޅުވީ، ލުތުފީ އަމިއްލައަށް އެމްބަސީއާ ހަވާލުވީ ލަންކާގައި ދިން ބޮމުގެ ހަމަލާގެ ކުރިން އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އުމުރު ދުވަހަށް 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެފަހުން ލުތުފީ ދިރިއުޅެމުން އަންނަނީ ސްރީލަންކާގަ އެވެ.