01 Jul 2019, 08:59
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުން އެ މަނިކުފާނުގެ ދެ ކަނބަލުންނަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ސޯލިހުގެ ދެކަނބަލުންއަށް ސިންގަޕޫރުން ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ އެ ގައުމުގެ ރައީސްގެ ރަސްމީ ގެކޮޅު، އިސްތާނާގަ އެވެ. އިސްތާނާއިން ރައީސް ސޯލިހުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބް އެވެ.
ރައީސް ސޯލިހުގެ ދެކަނބަލުންގެ ޝަރަފުގައި އޮނަގާޑެއް އެރުވި އެވެ. އަދި ދެބޭފުޅުން ބައްދަލު ކުރައްވާނެ އެވެ.
ރައީސް ސޯލިހު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފެއްޓެވީ، ހޯމަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މިދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގްއާ ބައްދަލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ސިންގަޕޫރުގެ ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުގައިވާ ސިމާކޯ ލޭންޑްފިލް އަށް ރައީސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުފުޅުގައި ސިންގަޕޫރުގެ އައިއެސްޑީ ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ޒިޔާރަތުގައި އެ ދެ ދާއިރާއިން ސިންގަޕޫރުން ހޯދާފައިވާ ކުރިއެރުންތައް ރައީސް ސޯލިހު އޮޅުން ފިލުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ދެކަނބަލުން އިއްޔެ ވަނީ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވައިލައްވައިފަ އެވެ.