ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް އުދުވާނީ ހަމަލާއެއްދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެސް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކުރާނީ މިސަރުކާރުން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ލަންކާގެ ކޮޅުބުގައި ދިން އީސްޓް ސަންޑޭ ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގެ ސިފައިން ހިންގި އޮޕަރޭޝަންތަކާ ގުޅިގެން ލުތުފީ އަމިއްލައަށް އައިސް އެމްބަސީއާ ހަވާލުވީ، މޭ އެއްވަނަ ދުވަހު ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ލުތުފީ ރާއްޖެ ނުގެނެސް ލަންކާގައި ބަހައްޓާ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ރައީސް ސޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ ބަޔަކު މީހުން ނުކޮށް ދޫކޮށްލި ކަމެއްގެ ވާހަކަ ދައްކަން ނެތިން ކަަމަށެވެ. އަދި ލުތުފީ މާލެގެނެސް ކަރެކްޝަންސާ ހަވާލުކުރާނީ މިސަރުކާރުން ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

ފުލުހުން ބުނަމުން ގެންދަނީ ލުތުފީ ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާ ގެނައުމަށް ބޭނުންވާ ސެކިއުރިޓީ ކްލިއަރެންސް އަދި ނުލިބޭތީ ކަމަށެވެ. އެކަމަކު އެމަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރީ ސަރުކާރުގައި ލުތުފީ ރާއްޖެ ގެނައުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާފައި ނުވާ މައްސަލަ ތަހުގީގުކޮށް ދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މިއަދު އަންގަވާފަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލުތުފީ ފިލައިގެން އުޅެން ފެށިފަހުން، 2012 އާއި 2016 ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން ފުލުހުންގެ ރަސްމީ މަސައްކަތުގެ ތެރެއިން އޭނާ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު ޔަގީނާއިގާތަށް ލިބި، އެ މައުލޫމާތު ފުލުހުންގެ ކަމާއިގުޅުންހުރި އިސްވެރިންނާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެއިރު ނާޅާ އޮތް ސަބަބު ބަލައި ތަހުގީގު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްއަށް ރަސްމީކޮށް ލިޔުމުން އަންގަވާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.