27 Oct 2011, 14:11
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދޭ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސަައިފި އެވެ. މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.
ގައުމީ އިނާމު މީގެކުރިން ދެމުން ގެންގޮސްފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ގައުމީ އިނާމަކީ، ގައުމާއި މުޖްތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މިނިވަން މުއައްސަސާތަކުންނާއި މަދަނީ ޖަމްއިއްޔާތަކުންނާއި ޖަމާއަތްތަކުންނާއި ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ސަރުކާރުން ދެމުން ގެންދާ އިނާމެކެވެ.
އާންމު ހިދްމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރު ދޭން ފެށި އިނާމު، މި ސަރުކާރުން 2009 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެމުން ގެންދަނީ، ގައުމީ އިނާމުގެ ނަމުގަ އެވެ. ގައުމީ އިނާމަށް ލިބޭ ފަރާތްތައް ހޮވަނީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އައްޔަން ކުރައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މިއަހަރު ގައުމީ އިނާމަށް ހުށަހެޅުނު ފަރާތްތަކުގެ ނަންތައް ދިރާސާކޮށް، އިނާމަށް އެކި އެކި ފަރާތްތައް ހޮއްވެވުމުގެ މަސައްކަތް، ގައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންދަނީ ކުރަމުންނެވެ. ގައުމީ އިނާމަށް ނަން ހުށަހެޅުމަށް، އެކޮމިޓީން ހުޅުވާލި މުއްދަތު، ޖުލައި މަހުގެ 31 ވަނަ ދުވަހު ހަމަވިއިރު، 102 ފޯމު ވަނީ ހުށަހަޅާފަ އެވެ. އެ ފޯމުތައް ހުށަހަޅާފައިވަނީ، އިނާމަށް ފުރުސަތު ހުޅުވާލި 28 ދާއިރާގެ ތެރެއިން 22 ދާއިރާއަކުންނެވެ.
މިދިޔަ އަހަރު ޝަރަފްވެރި ކަމުގެ ގައުމީ އިނާމު 6 ބޭފުޅަކަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 6 ބޭފުޅަކަށް އަދި ވާކްޝޮޕަކަށާއި ދެކުންފުންޏަކަށް ވަނީ ލިބިފަ އެވެ.