އެޓަރނީ ޖެނަރަލްގެ އޮފީހުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރުމަށް، ޓާސްކް މެނޭޖަރ ސިސްޓަމެއް ހަދައި، ބޭނުން ކުރަން ފަށައިފިއެވެ.

އަށްޑިހަނުވަ މުވައްޒަފުން މަސައްކަތް ކުރާ އެޓަރނީ ޖެނަރަލްގެ އޮފީހުގައި މިއަދު ބޭނުންކުރަން ފެށި ޓާސްކް މެނޭޖަރއަކީ މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރާ ހިސާބުން ފެށިގެން، ނިމުމާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ފެންނާނެ ގޮތަށް ތައްޔާރު ކުރެވިފައިވާ ވިއުގައެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"މި ވިއުގައަކީ މެސެޖިން އެޕް، "ޓެލެގްރާމް"އާ އިންޓަގްރޭޓްކޮށްފައިވާ ސިސްޓަމެއް.
އެގޮތުން ކޮންމެ މުވައްޒަފަކަށް ޚާއްޞަ ކުރާ ލޮގިންއަކުން ވަދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާސްކް މެނޭޖަރ މެދުވެރިކޮށް، މުވައްޒަފަކަށް މަސައްކަތް ހަވާލު ކުރުމުން، ޓެލެގްރާމުން މެސެޖު ލިބޭނެ." އޭޖީ އޮފީހުން ބުންޏެވެ.

އެ ވިއުގައިގެ ދަށުން ހަވާލު ކުރި މަސައްކަތާ ގުޅޭ ގޮތުން ޖަވާބުދާރީ ވެސް ވެވޭނެ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

އެޓަރނީ ޖެނަރަލް އިބްރާހީމް ރިފްއަތު ވިދާޅުވީ ޓާސްކް މެނޭޖަރ ނިޒާމުން ހާސިލު ކުރަން ބޭނުންވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން އަވަސްކޮށް، މުވައްޒަފުންގެ މަސައްކަތް ހަލުވިކޮށް، ޖަވާބުދާރީވުން ހަރަދުނާ ކުރުން ކަމަށެވެ.އޭގެ އިތުރުން ޓެކްނޮލޮޖީގެ ފަސޭހަކަން މަސައްކަތުގެ މާހައުލަށް ތައާރަފްކޮށް، މުވައްޒަފުން އެކަމަށް އަހުލުވެރިކޮށް، އިދާރީ ބޭނުމަށް ކަރުދާސް ބޭނުންކުރާ މިންވަރު މަދުކޮށް، އޮފީހުގެ ހަރަދު ކުޑަ ކުރުމަކީ ޓާސްކް މެނޭޖަރ އިން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑި ކަމަށް އެޓަރނީ ޖެނަރަލް ވިދާޅުވިއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުގެ އައިޓީ ކޮންސަލްޓަންޓް "ނުވިލު"އިން ބުނީ ޓާސްކް މެނޭޖަރގެ ސަބަބުން މުވައްޒަފުންގެ މަސައްކަތް ހަލުވިވެ، ފަރުވާތެރިކަމާ އެކު މަސައްކަތް ނިންމުމަށް މުވައްޒަފުން ސަމާލުކަންދޭނެ ކަމަށެވެ.

ޓާސްކް މެނޭޖަރ ސިސްޓަމަކީ އެޓަރނީ ޖެނަރަލްގެ އޮފީހުގެ މަަސައްކަތް ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ ގޮތަށް ބަދަލުކޮށް، ކަރުދާސް ބޭނުން ކުރާ މިންވަރު މަދުކޮށް، އޮފީހުގެ އިދާރީ މަސައްކަތްތައް، މުވައްޒަފުންނަށް އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށް ތައްޔާރު ކުރަމުންދާ "ސްޓާފް އިންޓްރާނެޓް"ގެ ދަށުން އުފެއްދި ވިއުގައެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.