ޖޭއޭ މަނަފަރު ރިސޯޓުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ރިސޯޓުން ނިންމި މައްސަލައާ ގުޅިގެން މުވައްޒަފުން ކުރިއަށް ގެންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ތެރެއިން ދެ މުވައްޒަފަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ހއ. މަނަފަރުގައި ހިންގާ ފަސް ތަރީގެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވުލެޑް ރެޔެސް ސޮއިކުރައްވައި، މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ މި އަހަރު އެ ރިސޯޓުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެހެންވެ ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށް މެނޭޖްމެންޓުން ވަނީ ބުނެފަ އެވެ.

މަނަފަރު ރިސޯޓުން 'ސަން' އާ ވާހަކަދެއްކި މުވައްޒަފަކު ބުނީ މުވައްޒަފުން އިއްޔެއިން ފެށިގެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުން ދަނީ ގިނަ ބައެއްގެ ވަޒީފާތައް ގެއްލޭތީ އެމައްސަލާގައި ކަމަށެވެ.

"މިތާގައި ގިނަ ދިވެހި މުވައްޒަފުން މިތިބީ ހަންގާ ސްޓްރައިކެއްގައި. ދެ މުވައްޒަފަކަށް ފަރުވާދެމުން ދަނީ ރިސޯޓުގެ ކްލިނިކުގައި. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ރިސޯޓުގެ މާލީ ހާލަތު ދައްވީއޭ ބުނީމައެއް." މަނަފަރު ރިސޯޓުގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނިގޮތުން ކޮންމެ މަހަކު އެއްފަހަރު ރިސޯޓުގެ މެނޭޖަރު މުވައްޒަފުންނާއި ބައްދަލު ކުރާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރިސޯޓަށް ލިބޭ ފައިދާއާ މުވައްޒަފުންގެ މަސައްކަތަށް ތައުރީފުކޮށް ވާހަކަ ދައްކާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

"ތުންތުން މަތިން އަޅުގަނޑުމެންނަށް އަޑުއިވެނީ ރިސޯޓުން ބަޔަކު ކަނޑާލަން އުޅޭ ކަމަށް. ދެން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެން ހީކުރީ އެކަމާ ބެހޭގޮތުން މެނޭޖްމެންޓުން ވާހަކަ ދައްކާނެ ކަމަށް. އެކަމަކު ނުދައްކާ. ރިސޯޓު މާލީ ގޮތުން ދަތިކަމެއް އޮތް ވާހަކައެއްވެސް ނުބުނޭ." އެ މުވައްޒަފު ބުންޏެވެ.

އެހުރިހާކަމެއް އެހެން ހުރުމުން މާލީ ހާލަތު ދަށްވެގެން މުވައްޒަފުންތަކެއް ކަނޑާލަނީ ކަމަށް ބުނީމަ ގަބޫލު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

މަނަފަރު ރިސޯޓުގެ މެނޭޖްމެންޓުން މުވައްޒަފުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އާމްދަނީ އިތުރުކުރުމަށާއި ހަރަދުތައް ކުޑަކުރެވިދާނެ ހުރިހާ ގޮތްތަކެއް މެނޭޖްމަންޓުން ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު ދިމާވެފައިވާ ހާލަތުން ރިސޯޓުގެ ބައެއް ކަންކަން ރީސްޓްރަކްޗާކޮށް، ބައެއް މަގާމުތައް އުވާލަން ޖެހިފައިވާ ކަމަށެވެ.

"މި ކަންކަމުގެ ސަބަބުން ބައެއް މަގާމުތައް އުވޭނެ. އެކަމަކު އިތުރަށް ރިސޯޓުގެ އުފެއްދުންތެރިކަން އިތުރުވެ، މާލީ ހާލަތު ރަނގަޅުކުރެވޭނެކަމަށް ބެލެވޭ،" ޖެނެރަލް މެނޭޖަރު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

އެ ސިޓީގައި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވިދާޅުވެފައި ވަނީ މި ހާލަތުގެ ސަބަބުން އަސަރުކުރާނެ މުވައްޒަފުންނާ ވަކިވަކިން ވާހަކަދައްކާނެ ކަމަށެވެ.

ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައިވާ ގޮތުގެ މަތިން ލިބެން ޖެހޭ މާލީ ބަދަލުތަކުގެ އިތުރުން ރިސޯޓުގެ ފަރާތުން އިތުރަށް ވެސް ފައިސާ ދޭނެ ކަމަށް އެ ސިޓީގައި ޖެނެރަލް މެނޭޖަރު ވިދާޅުވެފައިވެ އެވެ.

އެމައްސަލާގައި މަނަފަރު ރިސޯޓުގެ މެނޭޖްމެންޓް އަދި މުވައްޒަފުންނާއި ބައްދަލުކުރުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ އެ ރިސޯޓަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއޭ މަނަފަރުގައި ހިނގައިގެން އުޅޭ ކަންކަން، މިނިސްޓްރީން ގާތުން ބަލަމުން ދާ ކަމަށާއި މިނިސްޓްރީގެ ސަމާލުކަމަށް މިކަން އައި ހިސާބުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"ރިސޯޓު މުވައްޒަފުންނާއި މެނޭޖްމަންޓުގެ ހައްގުތައް ކަށަވަރުކުރުމުގައި މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް މުވައްޒަފުންނަށް ނުވަތަ މެނޭޖްމެންޓަށް ވެސް ގެއްލުންވެ ދިޔަ ނުދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.